ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 12:30
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓުގެ މައްސަލަ ފުލުހުންނާއި އޭސީސީއަށް ހުށަހަޅަނީ
އަޙްމަދު ސަޢީދު ޢަލީ ވަނީ 2022 ސެޕްޓެންބަރު 06 ގައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައި
މި މައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމި

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ފައިލްކޮށްފިއެވެ.

ޖޭއެސްސީއަށް ހުށައެޅިފައިވަނީ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުން ދަނިކޮށް، އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ ވަނީ 2022 ސެޕްޓެންބަރު 06 ގައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ޤާނޫނު ނަންބަރު 2088/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަނުން ބެލުމުގެ އިޙްތިޞާޞް ލިބިފައިވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށް ޖޭއެސްސީން ބަޔާން ކުރެއެވެ.

ވުމާއެކު، އެއީ މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، އަޙްމަދު ސަޢީދު ޢަލީއާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރެވެމުން ދިޔަ މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅުއްވާފައެވެ.

އޭގެ އިތުރުން، މިމައްސަލައިގެ ތަޙްޤީޤު ހުއްޓާލައި، މައްސަލަ ފައިލްކުރަން ނިންމައި، އަދި މި މައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް 2022 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

- ކޮމެންޓް