ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އިން ޖެމެއިކާ ބަލިކޮށްފިއެވެ.
ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެ ޤައުމުން ވަނީ ހޮންޑިއުރަސް ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ޖެމެއިކާ ބަލިކުރީ 0-3 އިންނެވެ. ފަހު މެޗުގައި އާޖެންޓީނާ ކުޅޭނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެކޮޅަށެވެ.
ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ކެޕްޓަން ލިއޮނެލް މެސީ ނުހިމަނައެވެ. މެސީގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމަނާފައިވަނީ ހޫލިއަން އަލްވަރޭޒްއެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖެހީ އަލްވަރޭޒްއެވެ. އެއީ ޖެެމިއާކެގެ އޭރިޔާ ތެރެއިން ލަޓާރޯ މާޓިނޭޒް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާޖެންޓީނާގެ ފަހު ދެ ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. މި ދެ ލަނޑު ވެސް ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ މެސީއެވެ. މެސީ ކުޅެން ނިކުމެފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މެސީ ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެސީ ޖެހީ 87 ވަނަ މިނެޓުގައެވެ. އެއީ އޭރިޔާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ 89 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުންނެވެ. ހިލޭ ޖެހުމުގައި މެސީ ވަނީ ތިރި ތިރިން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.
މި މޮޅާއެކު އާޖެންޓީނާ އިން ވަނީ އިޓަލީގެ ރެކޯޑާ ގާތް ކޮށްފައެވެ. އެއީ ބަލިނުވެ އެންމެ ގިނަ މެޗު ކާމިޔާބުކުރި ރެކޯޑެވެ. އިޓަލީ ވަނީ ބަލިނުވެ 37 މެޗު ނިންމާލާފައެވެ. ޖަމެއިކާ އަތުން ހޯދި މޮޅާއެކު އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅުނު 35 މެޗުން ބަލިނުވެ ނިންމާލާފައެވެ.
އެކުވެރިކަމުގެ ފަހު މެޗުގައި އާޖެންޓީނާ އިން ޔޫއޭއީއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.