ޅަފަތުގެ ތައުލީމު ދިވެހި ބަހުން ދޭން ނުޖެހޭ ކަމަށާއި، ދިވެހި ބަހުން މުސްތަޤުބަލެއް ނެތްކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށް ފެކަލްޓީ އޮފް އާޓްސްގެ ދާރިސް އަޙްމަދު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފެކަލްޓީ އޮފް އާޓްސްގެ ދާރިސް އަޙްމަދު އަންވަރު އިބްރާހީމް ވިދާޅުވީ، ދިވެހި ބަސް ދިވެހިންގެ އަތުން ދޫވެގެންދާ ހިސާބަށް ކަންކަން ހިނގަމުންދާ ކަމަށާއި، އެކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮންނާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ފަރުދީ ޒިންމާ އަދާކުރެވޭނެ މިންވަރާމެދުވެސް ވިސްނާލަން ޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޅަފަތުގެ ތައުލީމު ދިވެހި ބަހުން ދޭން ނުޖެހޭ ކަމަށާއި، ދިވެހި ބަހުން މުސްތަޤުބަލެއް ނެތްކަމަށް ބައެއް ފަރާތްތަކުން މިއަދު ދެކޭކަމަށް އަންވަރު ވިދާޅުވިއެވެ.
ޤައުމު އިސް ކުރުމާއި، ޤައުމީ ކަންކަމުގައި ބައިވެރިވުން މިއަދު ގިނަ ފަރާތްތަކުން ދޫކޮށްލާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ، ބައެއް ޤައުމުތަކުގައި މަރުވަމުންދާ ބަސްވެސް ދިރުވާ ކަމަށެވެ. އެއް ކަމަކީ ޒަމާނާއި ޙާލަތާއި ގުޅޭގޮތަށް ބަސް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ، އެކަމަށްޓަކައި މަސައްކަތް ކުރެވޭ މިންވަރާމެދު ސުުވާލު އުފެދޭ ކަމަށެވެ. އެއީ ބަހަށްޓަކައި ކުރެވޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ތުއްތު އިރުން ފަށައިގެން މާދަރީ ބަހަށް އަހުލިވެރި ކުރުވުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަންވަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
އަންވަރު އިތުރަށް ވިދާޅުވީ، ޕޯޗުގީޒުން ރާއްޖޭގައި އުޅެފައިވާ އުޅުމުގައި ދިވެހި ބަހުގެ ތެރެއަށް ކޮންމެވެސް ވަރަކަށް އެމީހުންގެ ބަހުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާގުޅޭ އެކަށީގެންވާ ދިރާސާއެއް ހެދިފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަންވަރު ވިދާޅުވީ، ޔުނިވަރސިޓީގެ ދަރިވަރުންވެސް ބަހުގެ އެކި ދިރާސާތައް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ދިރާސާތައް އާންމުކޮށް، ފުޅާ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ދިވެހި ބަހުގެ އެކަޑަމީއަށް މުވައްޒަފުންތަކެއް ލައިގެން އެކަނި މި މަސައްކަތްތައް ޙާސިލު ނުވާ ކަމަށާއި، އެކަށީގެންވާ ބަޖެޓު ވެސް ދޭން ޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.
ޤައުމީ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު، މި ދުވަސް ފާހަގަ ކުރަނީ ކީއްވެތޯވެސް ގިނަ ދަރިވަރުންނަށް ނޭންގޭ ކަމަށާއި، މި ދުވަސް ފާހަގަކުރާ ގޮތަށްވެސް ބަދަލުތަކެއް ގެނެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ބަހަކީ ބަދަލު އަންނާނެ އެއްޗެއްކަން ފާހަގަ ކުރައްވައި އަންވަރު ވިދާޅުވީ، ލަފްޒުތައް އުފައްދާ ފަރާތްތަކުން އުފައްދާ ހުރިހާ ލަފްޒެއް އާންމުކޮށް ބޭނުމެއް ނުކުރާ ކަމަށެވެ. ނަމަވެސް މީޑިއާ ފަދަ ޒަރިއްޔާތަކުން އެފަދަ އައު ބަސްތަަކަށް އަހުލުވެރި ކުރުވުމަށް ދައުރެއް އަދާކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.