Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2022 | ހޮނިހިރު 16:55
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ހައުސިންގް މިނިސްޓްރީ
މެރިޓައިމް ދާއިރާ
ގައުމުގެ އިގުތިސާދުގެ ބޮޑު ހިއްސާއެއް އޮތް ދާއިރާއަކަށް މެރިޓައިމް ދާއިރާ ހެދޭނެ: އަސްލަމް
ދިވެހިރާއްޖެއަކީ މި ސެކްޓަރ ކުރިއެރުވޭނެ ގައުމެއް

ގައުމުގެ އިގުތިސާދުގެ ބޮޑު ހިއްސާއެއް އޮތް ދާއިރާއަކަށް މެރިޓައިމް ދާއިރާ ހެދޭނެކަމަށް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރާބެހޭ ދުވަހާ ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ މި ދާއިރާއަކީ ގްރީން ޓެކްނޮލޮޖީއާ ދިމާއަށް ދާން ފަސްޖެހޭ ދާއިރާއެއްކަމަށެވެ. އެހެން ދިމާވަނީ އުނދަގޫކަމަށްވުމުން ކަމަށްވުން އެކަށީގެންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ދުނިޔެއަށް ދިމާވެފައި ގޮތް އެންމެ ބޮޑު މައްސަލަ (މޫސުމީ ބަދަލުތަކުގެ މައްސަލަ) ހައްލުކުރުމުގައި މެރިޓައިމް ދާއިރާ ފެހި ދާއިރާއަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެ ޓެކްނޮލޮޖީ އެންމެ ފުރިހަމަގޮތުގައި އައިސްފައި ނެތްކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި އެ ދިމާއަށް މަސައްކަތް ކުރުމުން ކާމިޔާބު ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޭސިކްސް އެނގި ތިބެ އެޑްވާންސް ކަންތައްތަކަށް އަޅުގަނޑުމެން އަހުލުވެރިވުން އެއީ ކޮންމެހެން މުހިންމުކަމެއް. މި ސެކްޓަރއަށް އެދެނީ ކާމިޔާބު. ދިވެހިރާއްޖެއަކީ ހަމަ ގައިމުވެސް މި ސެކްޓަރ ކުރި އެރުވޭނެ ގައުމެއް. އަޅުގަނޑު ހަނދާންވޭ، ކުޑައިރު މިއީ ވަރަށް ވަރުގަދަ ސެކްޓަރއެއް. ވަކި ހިސާބަކަށް ވަޅުޖަހާފައި މިހާރު ހީވޭ އެބަ ކުރިއަރާ ދާހެން.
މުހައްމަދު އަސްލަމް

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ އެ ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާވެސް ވަނީ ވިދާޅުވެފައެވެ.

ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުތަކުން އެ ދާއިރާ ކުރިއަރުވަން މަސައްކަތްކޮށްފައި ނުވިނަމަވެސް މި ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދޭކަމަށެވެ. އެގޮތުން، މެރިޓައިމް ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ކަނޑުދަތުރާބެހޭ ދުވަސް ފާހަގަކުރާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މިއަހަރުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޯރ ގްރީނަރ ޝިޕިންގ"އެވެ. އެހެންވެ މެރިޓައިމް ސޭފްޓީ ވީކް ޚާއްސަކޮށްފައިވަނީ އަންނަން އޮތް ޖީލަށްކަން މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
- ކޮމެންޓް