މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާއެކު ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފުންގެ ވަޒީފާގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާއިރު އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވެމްކޯގައި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ އަންހެން މުވައްޒަފުންގެ ވަޒީފާގެއްލިދާނެ ކަމުގެ ބިރު ހީވެ އެމީހުންގެ ޝުއޫރުތައް ހާމަކޮށް "ރާއްޖެއެމްވީ" ގައި ޝާއިއުކޮށްފައިވާ ލިޔުމެއް ޓްވީޓްކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅުއްވާފައިވާކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމާ ކައުންސިލްގެ ހަރަދުގައި އެމަސައްކަތް ކުރާނަމަ މިހާރަށްވުރެ ހަރަދުކުޑަ ގޮތެއްގައި އެކަން ކުރެވޭނެކަމަށް ބުނެފައެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން މާލެ އަދި ވިލިމާލޭގެ މައިޒާންތަކާއި މަގުތައް ފޮޅައި ސާފުކުރުމަށް ކައުންސިލުން ވެމްކޯއަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުކުރަންޖެހެއެވެ. ނަމަވެސް ކައުންސިލުން އަމިއްލައަށް އެމަސައްކަތް ކުރާނަމަ ހަރަދުކުރަންޖެހޭނީ މަހަކު 1.5 މިލިއަން ރުފިޔާކަމަށް ކައުންސިލުން އަންދާޒާކުރެއެވެ. މިއާއެކު ވެމްކޯގެ ކުނިކެހުމުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ އެމީހުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހު 26ށް ހަމަވާއިރު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވުން އައު ނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާގޮތަށް ފާސްކޮށްފައެވެ.
މިކަމުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލާ މައްސަލައަށް ހައްލު ގެނައުމަށް ސިޓީ ކައުންސިލާއެކު ވެމްކޯއިން ވަނީ ބައްދަލުވުން ބާއްވާފައެވެ. ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިއެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާއެކު މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލާއި ވެމްކޯއާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. މޭޔަރު ބައިވެރިވެވަޑައިނުގަންނަވާ މިބައްދަލުވުމުގައި ފާހަގަވެގެންދިޔަ ކަމަކީ ސިޓީ ކައުންސިލުގެ ކަންބޮޑުވުމަކީ ވެމްކޯގެ މުވައްޒަފުންނަށް މާލެތެރެ ކުނިކަހާ ސާފުނުކުރެވޭ މައްސަލަ ނޫންކަމަށް ސިރާޖު ވިދާޅުވިއެވެ.
ނަމަވެސް ގަވާއިދާ ޚިލާފަށް މަގުތަކަށް ނެރެފައި ހުންނަ ކުނި ނެގުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ސްޕީޑްގައި ވެމްކޯއަށް އެމަސައްކަތް ނުކުރެވުންކަމަށް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ އެގޮތަށް ހުންނަ ކުނި ނެގުމުގެ މަސައްކަތް މިއަދާ ހަމައަށްވެސް ވެމްކޯއިން ކުރަމުން އައީ ހެދިފައި އޮންނަ ވައިބަރ ގްރޫޕުގެ ތެރެއިން ރިޕޯޓްކުރާ ކަންކަންކަމަށެވެ.
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި މިހާރު ނިންމާފައިވަނީ ވެމްކޯގެ މުވައްޒަފުން ކުނި ނަގާ ގަޑީގައި އެފަދަ ކުނި ނެގުމަށްކަމަށާއި އެމަސައްކަތް ކުރިޔަށް އޮތް ދެހަފުތާގައި ކުރުމަށްފަހު އަނެއްކާވެސް ބައްދަލުވުމެއް ބާއްވާނެކަމަށް ސިރާޖު ވިދާޅުވިއެވެ.