Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 12:42
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޝަމީމް ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޝަމީމް ވާހަކަ ދައްކަވަނީ
މަޖިލިސް
ނުޙައްޤުން މުއްސަނދިކަން ހޯދުން
ނުޙައްޤުން މުއްސަނދިކަން ހޯދުން ކުށަކަށް ހެދިތާ އަހަރެއް، މިހާތަނަށް އެ ކުށުގައި މީހަކަށް ދައުވާކޮށްފައެއް ނުވޭ
އެ ޤާނޫނާއި ގުޅިގެން ފަންނީ ހިޔާލު ތަފާތުވުންތަކެއް އުޅޭ
އެކަމާ ގުޅޭ ބިލު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ތަސްދީގުކުރައްވާފައިވަނީ 6 މެއި 2021 ގައި
މިއީ 2014 ވަނަ އަހަރު، ގާނޫނުލްއުގޫބާތު ފާސްކުރެވުނުފަހުން އެ ގާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހު

ނުޙައްޤުން މުއްސަނދިކަން ހޯދުން ކުށަކަށް ހެދިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު، މިހާތަނަށް އެ ކުށުގައި މީހަކަށް ދައުވާކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ގޭންގުތަކަށް ނިސްބަތްވާ މީހުން ކުއްލި ގޮތަކަށް މުއްސަނދިވެ، ބޮޑެތި ވިޔަފާރިތައް ފެށުން ފަދަ ކަންކަން އާންމުވަމުންދާއިރު، އެކަންކަން ބެލުމަށް ނުޙައްޤުން މުއްސަނދިކަން ހޯދުން ކުށަކަށް ހެދުމުގެ ޤާނޫނު މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ޤާނޫނުގެ ދަށުން މިހާތަނަށް މީހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ ސުވާލު ކުރައްވާފައެވެ.  

އެކަމާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ، މިހާތަނަށް ނުޙައްޤުން މުއްސަނދިކަން ހޯދުމުގެ ކުށުގައި މީހަކަށް ދައުވާއެއް ކޮށްފައި ނުވާނެ ކަމަށެވެ. އެ ޤާނޫނާއި ގުޅިގެން ފަންނީ ހިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް މައުލޫމާތު ލިބިލައްވާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށެވެ. އެ މަސައްކަތްތަކުގައި އޭސީސީއާއެކު ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން އައު ކޮމިޝަނާއެކު އެ މަސައްކަތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެނެވުނު އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ތަސްދީގުކުރައްވާފައިވަނީ 6 މެއި 2021 ގައެވެ.

މިއީ 2014 ވަނަ އަހަރު، ގާނޫނުލްއުގޫބާތު ފާސްކުރެވުނުފަހުން އެ ގާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހެވެ.

Advertisement

ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއެވެ. ސިރާޖު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް، އޭނާއާއި އޭނާގެ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީ ކުށެކެވެ.

މި އިސްލާހާއެކު ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކުނަމަ އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ކަމަށްވާނަމަ، އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެނޫން ހާލަތްތަކުގައި އެ ކުށަކީ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

މި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި އަނޑައަޅައި، އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައި ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި އިސްލާހުގައި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމޭ ހަމަތަކާއި އުސޫލުތައް ވެސް ބަޔާންވެގެން ވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ގެނެވުނު އިސްލާހުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައެވެ. މިބިލު ފާސްކުރުމަށް މަޖިލީހަށް އެވަގުތު ހާޒިރުވެ ތިއްބެވި 50 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވުމާއި، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއްކަމުގައިވާތީ ހުށަހެޅުނު އިސްލާހެކެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް ޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، އުގޫބާތުގެ ގާނޫނުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހެކެވެ.

ގާނޫނުލްއުގޫބާތަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ވަނީ އުވާލެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް