ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން، މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް މިކަން ހާމަކުރެއްވީ، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާއިޝަތު ޖެނިފާ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ. ޖެނިފާ ކުރެއްވި ޓްވީޓުގައި ވަނީ ބަސް ސްޓޮޕުތައް ހިޔާކޮށްދިނުމަށް އެދިފައެވެ.
އެ ޓްވީޓުގެ ޖަވާބުގައި އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ބަސް ސްޓޮޕްތައް ހިޔާކުރުމަށް ބޭނުންވާ ޝެޑްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް ކުރިއަށްދަނީ ތިލަފުށީގެ ޑޮކްޔާޑުގައިކަމަށާއި، ވަރަށް އަވަހަށް ހިޔާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށިތާ ދެ ހަފުތާ ވެފައިވާއިރު އެ ޚިދުމަތަށް އާއްމުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ޚިދުމަތް ދިނުމަށް މާލޭގައި 18 ބަސް ބޭނުން ކުރާއިރު، 3 ރޫޓެއްގައި 40 ބަސް ސްޓޮޕް ވަނީ ބަހަައްޓާފައެވެ. މި ހުރިހާ ބަސް ސްޓޮޕެއްވެސް ހިޔާކުރަން އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބަސް ދުއްވާ މަގުތަކުގައި ބަސް ސްޓޮޕްތައް ހަދާފައިވަނީ ކޮންމެ 10 މިނެޓަކުން ބަހަކަށް އާދެވޭހާ ކައިރިކައިރީގައެވެ.
އެމްޓީސީސީގެ އާރްޓީއެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހިލެއެވެ. މި ޚިދުމަތް ފުރަތަމަ ދެ ހަފުތާގައި ހިލޭ ދިނުމަށްފަހު އަގު ނަގާނެ ކަމަށް ބުނިނަމަވެސް، ރޫޓްތަކަށާއި އާރްޓީއެލް މޯބައިލް އެޕްލިކޭޝަނަށް މީހުން ފަރިތަކުރުމަށް އިތުރު ދެ ހަފުތާއަށް އެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. މި ޚިދުމަތުން އަގު ނަގަން ފެށުމާއެކު ޓިކެޓަކަށް ނަގާނީ އެންމެ 7 ރުފިޔާއެވެ.
ދެ ހަފުތާއަށްފަހު މިނީ ބަހުގެ ޚިދުމަތުން އަގު ނެގިނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ދަރިވަރުންނަށްވެސް ބަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.
އާރްޓީއެލްގެ ދަށުން ގެނެސްފައިވާ މިނީ ބަސްތަކަކީ 20 ސީޓު ހިމެނޭ، ޖުމްލަ 30 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހަކަމާއެކު އަރައި ފޭބޭ ގޮތަށެވެ.