ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 15:53
އަމާރީ ހަވޮއްޑާ ރިސޯޓް
އަމާރީ ހަވޮއްޑާ ރިސޯޓް
ޓްރިޕް އެޑްވައިޒަރ
ރަށާއި ފަޅު ކުއްޔަށް ދޭ އަގު
ރަށާއި ފަޅު ކުއްޔަށް ދޭ އަގު ކުޑަކޮށްފި
މިނިސްޓްރީން ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހު އިއުލާނުކުރި އަގުތަކަށް

ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމާގުޅޭ އުސޫލަށް ބަދަލު ގެނެސް، އެ އުސޫލުގެ ދަށުން ރަށް ނުވަތަ ފަޅު ކުއްޔަށް ހިފަން ދައްކަން ޖެހޭ އަގު ކުޑަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހު އިއުލާނުކުރި އަގުތަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމަށް އެކުލަވާލާފައިވާ މިންގަނޑު އިސްލާހުކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަކީ އެ ސަރަހައްދަކުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރު ހިސާބުކުރުމުގެ މިންގަނޑު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދެއްގައި ހިމެނޭ އެކިއެކި ރަށްރަށް ނުވަތަ ބިން ނުވަތަ ފަޅުތަކަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓްގެ މިންވަރު ނިންމާނީ އިއުލާންކުރި މިންގަނޑުން ހިސާބުކުރުމުން ޖެހޭ މިންވަރަށްވުރެ މަދުނުވާގޮތަށް އެ ރަށެއް، ބިމެއް، ފަޅެއް ހޯދުމަށް ޝައުގުވެރިވާ ފަރާތަކާއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަލަށް ގެނެވުނު ބަދަލާއެކު ހއ، ހދ، ޏ، އަދި ސ އަތޮޅުގެ ބޭސް ރޭޓަކީ 500،000 ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސްރޭޓަކީ އެއްމިލިއަން ޑޮލަރެވެ. މިހާރު އެއަތޮޅުތަކުން ހެކްޓަރަކަށް ޖެހޭ ރޭޓަކީ 50،000 ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި 500،000 ޑޮލަރު ނަގާއިރު 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްރަށުން ދެ މިލިއަން ޑޮލަރު ނަގާނެއެވެ. ކުރިން ބޮޑެތި ރަށްތަކަށް ތިން މިލިއަން ޑޮލަރު ނަގާގޮތަށް އޮތީ ހަމަޖެހިފައެވެ.

ށ، ތ، އަދި ލ އަތޮޅުގެ ރަށްރަށުގެ މިހާރުގެ ބޭސް ރޭޓަކީ 1 މިލިއަން ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ އަގަކީ 1 ލައްކަ ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ 1.5 މިލިއަން ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި 5 ލައްކަ ޑޮލަރު ނަގާއިރު، 40 ހެކްޓަރަށްވުރެ ބޮޑުނަމަ އެ އަގަކީ 2 މިލިއަން ޑޮލަރެވެ.

ނ، ރ، ބ، އަދި ޅ އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ 3 މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 3 ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި 1 މިލިއަން ޑޮލަރު ނަގާއިރު، 40 ހެކްޓަރަށް ވުރެ ބޮޑުނަމަ އެ އަގަކީ 3 މިލިއަން ޑޮލަރެވެ.

އެންމެ އަގު ބޮޑީ މާލެއަތޮޅުގައެވެ. މާލެއަތޮޅުގެ ބޭސް ރޭޓަކީ 3 މިލިއަން ޑޮލަރެވެ. ނަމަވެސް މިއީ ކުރިއާ އަޅައިބަލާއިރު ބޮޑު ހެޔޮވުމެކެވެ. ކުރިން މާލެ އަތޮޅުގެ ބޭސް ރޭޓަކީ 5 މިލިއަން ޑޮލަރެވެ. މިހާރު މާލެ އަތޮޅުގައި ހެކްޓަރަކަށް ޖެހޭ ރޭޓަކީ ހަ ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްއަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށް ވުރެ ބޮޑުނަމަ 3 މިލިއަން ޑޮލަރެވެ.

އއ، އދ، އަދި ވ އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ 2 މިލިއަން ޑޮލަރެވެ. ކުރިން އެއީ ތިން މިލިއަން ޑޮލަރުގެ ބޭސް ރޭޓެއް އޮތް އަތޮޅުތަކެކެވެ. މިހާރު ހެކްޓަރު ރޭޓަކީ 450،000 ޑޮލަރެވެ. 20 ހެކްޓަރާ 40 ހެކްޓަރާ ދެމެދުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމްއަކީ 1 މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ 3 މިލިއަން ޑޮލަރެވެ.

މ، ފ، އަދި ދ އަތޮޅުގެ ރަށްރަށުގެ ބޭސްރޭޓް 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު، ހެކްޓަރު ރޭޓަކީ 2 ލައްކަ ޑޮލަރެވެ. 20 ހެކްޓަރާ 40 ހެކްޓަރާ ދެމެދުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމްއަކީ 1 މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ 3 މިލިއަން ޑޮލަރެވެ.

ގއ އަދި ގދ ގެ ރަށްރަށުގެ ބޭސްރޭޓަކީ 750،000 ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 75،000 ޑޮލަރެވެ. ސައިޒް ޕްރިމިއަމްގެ ގޮތުގައި 20 ހެކްޓަރާ 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން 5 ލައްކަ ޑޮލަރު، އަދި 40 ހެކްޓަރަށްވުރެ ބޮޑުނަމަ 2 މިލިއަން ޑޮލަރެވެ.

- ކޮމެންޓް