ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 22:28
ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާގެ ތެރެއިން އެކަމަނާގެ ސަންދޯއް
ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާގެ ތެރެއިން އެކަމަނާގެ ސަންދޯއް
ރޮއިޓާސް
އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބެތު ދޭއް
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟
ރާނީ އެލިޒަބެތު ދެ ވަނަ އަވަހާރަވެފައި ވަނީ އުމުރުފުޅުން 96 އަހަރުފުޅުގައި ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހު
އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް ބަލްމޯރަލްގައި
ރާނީ އެލިޒަބެތު ދެވަނައިގެ ހަށިކޮޅު އެންމެފަހުން ފަސްދާނުލާފައި ވަނީ ރަސްގެފާނު ޖޯޖް ހައެއްގެ ހަދާނުގައި ބިނާކޮށްފައިވާ ފައްޅީގައި

އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ ޖަނާޒާ ވެގެންގޮސްފައި ވަނީ މިފަހުން އިނގިރޭސިވިލާތުގައި ބޭއްވުނު އެންމެ ބޮޑު ހަފުލާއަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 500ށް ވުރެ ގިނަ ގައުމުތަކުގެ އިސްވެރިން އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރާނީ އެލިޒަބެތު ދެވަނައަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމަށް ބައިވެރިވެފައެވެ.

ރާނީ އެލިޒަބެތު ދެ ވަނަ އަވަހާރަވެފައި ވަނީ އުމުރުފުޅުން 96 އަހަރުފުޅުގައި ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހުއެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް ބަލްމޯރަލްގައެވެ. އެކަމަނާ އަވަހާރަވުމަށްފަހު އެކަމަނާގެ ހަށިކޮޅުވަނީ ބަލްމޯރަލްއިން އެޑިންބަރާއަށް ގެންދެވިފައެވެ. އެއަށްފަހު ބަކިންހަމް ގަނޑުވަރުން ވެސްޓްމިންސްޓަރ ހޯލަށް ގެއްދެވުނެވެ. އަދި އެއަށްފަހު ވެސްޓްމިންސްޓަރ އެބީއަށް ގެންދެވުނެވެ.

ރާނީގެ ޖަނާގެ ކަންތައްތައް އެންމެ މަތީ ފަންތީގައި ފަށާފައި ވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އެދުވަހު ވެސްޓްމިންސްޓަރ އެބީ އިން އެކަމަނާގެ ހަށިކޮޅު، ވިންސޯރ ގަނޑުވަރުގެ ސެއިންޓް ޖޯޖް ފައްޅިއަށް ގެންދެވުނެވެ. އެއާއެކުވެސް އެތައް ހާސް ބަޔަކު ވަނީ އެކަމަނާއަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމަށް މަގުތަކަށް ޖަމާވެފައެވެ.

ސެއިންޓް ޖޯޖް ފައްޅީގައި ޖަނާޒާގެ ކަންތައްތައް ކުރިއަށްގެންދެވުމަށްފަހު ގަނޑުވަރުގެ ޝާހީ ވޯލްޓަށް ރާނީ އެލިޒަބެތު ދެވަނައިގެ ހަށިކޮޅު ތިރިކުރިއެވެ. މި ވޯލްޓްގައި މީގެކުރިން އިނގިރޭސިވިލާތުގެ ރަސްކަން ކުރައްވާފައިވާ ބޭފުޅުންގެ ހަށިކޮޅުތައް ވަނީ ފަސްދާނުލާފައެވެ. އޭގެ ތެރޭގައި ރަސްގެފާން ޖޯޖް ތިނެއް، ހަތަރެއ އަދި ފަހެއްގެ އިތުރުން ވިލިއަމް ހަތަރެއް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން އުމުރުފުޅުން 99 އަހަރުފުޅުގައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު އަވަހާރަވި ރާނީ އެލިޒަބެތު ދެވަނައިގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަށިކޮޅުވެސް އޭރު ޝާހީ ވޯލްޓްގައި ބޭއްވިފައިވެއެވެ.

ރާނީ އެލިޒަބެތު ދެވަނައިގެ ހަށިކޮޅު ވިންސޯރ ގަނޑުވަރުގެ ޝާހީ ވޯލްޓަށް ތިރިކުރުމުގެ ކުރިން އެކަމަނާގެ ސަންދޯތް މަތީގައި އަޅާފައިވާ އިނގިރޭސިވިލާތުގެ ޝާހީ ދިދަ އާއި އެކަމަނާގެ ތާޖުކޮޅު ސަންދޯއް މަތިން ވަނީ ނަގާފައެވެ.

ރާނީގެ ހަށިކޮޅު ވޯލްޓަށް ލެވުމާއެކު، އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދެވުނު އެކަމަނާގެ ޖަނާޒާގެ ކަންކަމަށް ނިމުމެއް އައެވެ. ނަމަވެސް ޝާހީ ވޯލްޓް އެކަމަނާގެ ހަށިކޮޅު އެންމެފަހުން ފަސްދާނުލެވުނު ތަނަށް ވެގެން ގޮސްފައެއް ނުވެއެވެ.

ހަމަ އެދުވަހުގެ ރޭގަނޑުގެ ވަގުތު، ޝާހީ އާއިލާގެ ބޭފުޅުން އެކަނި ހާޒިރުވެ ރާނީއަށް ހާއްސަ ކުޑަ ޖަނާޒާއެއް ބޭއްވިއެވެ. އެއާއެކުގައި ރާނީގެ ހަށިކޮޅު ވޯލްޓުން ނަގައި، ރަސްގެފާނު ޖޯޖް ހައެއްގެ ހަދާނުގައި ބިނާކޮށްފައިވާ ފައްޅިއަށް ގެންދެވުނެވެ. މިއީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހައެއް އަދި މަންމާފުޅު ރާނީ އެލިޒަބެތު ނުވަތަ، ކުއީން މަދަރގެ ހަށިކޮޅުވެސް ފަސްދާނުލެވިފައިވާ ތަނެވެ.

ރާނީ އެލިޒަބެތު ދެވަނައިގެ ހަށިކޮޅު އެންމެފަހުން ފަސްދާނުލާފައި ވަނީ ރަސްގެފާނު ޖޯޖް ހައެއްގެ ހަދާނުގައި ބިނާކޮށްފައިވާ ފައްޅީގައި ސެޕްޓެމްބަރު 19 ވަނަ ދުވަހު، އިނގިރޭސި ގަޑިން ރޭގަނޑެވެ. އެކަމަނާއާއެކު އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަށިކޮޅުވެސް މި ފައްޅިއަށް ގެންގޮސް، ފައްޅީގައި ފަސްދާނުލިއެވެ.

ރާނީ އެލިޒަބެތު ދެވަނަ އާއި ޕްރިންސް ފިލިޕް ވަނީ ކައިވެނިބައްލަވައިގެން އެކުގައި 73 އަހަރު ހޭދަކުރައްވާފައެވެ.

ރާނީ އެލިޒަބެތު ދެވަނަ އަކީ އެންމެ ގިނަ ދުވަހު އިނގިރޭސިވިލާތުގެ ރަނިކަން ކުރެއްވި ކަމަނާއެވެ. އެކަމަނާ ވަނީ ދިގު 70 އަހަރު އިނގިރޭސިވިލާރުގެ ރަނިކަން ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
20 ސެޕްޓެންބަރ 2022 | އަންގާރަ 23:03
ބޭޗާރާ
ބައެއް މީހުނަށް މީ މުހިންމު ހަބަރަކަށް ނުވެދާނެ. އެކަމަކު އަޅުގަނޑަށް ނޭނގޭ ވަރަށް ގިނަ މައުލޫމާތު އެނގިއްޖެ މިހަބަރުން. ޝުކުރިއްޔާ ރާއްޖެއެމްވީ