ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 16:57
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
އެމްޓީސީސީ
ށ. މާއުނގޫދޫ ބަނދަރުގެ މަސައްކަތް
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
 
މި މަޝްރޫޢަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫޢެއް

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މާއުނގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ޝާހިދު އާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ ރަށުގެ ތަރައްޤީއަށްޓަކައި މިއަދު ހުޅުވުނީ މުހިންމު ދޮރެއް ކަމަށާއި މިއީ ރަށުގެ ރައްޔިތުން އެދެމުންދިޔަ ކަމެއް ކަމަށެވެ. އަދި ރަށަށް އިޖުތިމާއި ގޮތުންނާއި އިޤްތިސާދީ ގޮތުން ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިއީ މާއުނގޫދޫގައި ހިންގޭ އެންމެ ބޮޑު ބިޔަ ޕްރޮޖެކްޓްގެ ފެށުން ކަމަށާއި މިހާތަނަށް އެއްވެސް ސަރުކާރުން އެރަށަށް މަޝްރޫއުތައް ނުހިންގާ މިންވަރަށް މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ. އަދި މި މަޝްރޫއު ނިމުމަށްފަހު ވެސް ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން، ދެން ކުރިއަށް ގެންދާނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކޮށް ނިމުމުން، ލަފާފުރުމުގެ ދަތިތައް ޙައްލުވެގެން ދާނެއެވެ. ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރި ކަމަށް މަޝްހޫރު މިރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން، އިޤްތިސާދީ ފައިދާތައް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް