އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޕްލޭ އޮފްގައި އަނަންތަރަ ކިހާވައް މޯލްޑިވްސް އާއި ވައްކަރު މޯލްޑިވްސް ވާދަކުރަން ޖެހިއްޖެއެވެ.
ޕްލޭ އޮފްގެ ޖާގަ ވައްކަރު މޯލްޑިވްސް އިން ހޯދީ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ތިން ވަނަ ޓީމަކީ އަނަންތަރައެވެ. ރައުންޑްރޮބިން ބުރުގެ އެއް ވަނަ ހޯދާ ސީދާ ފައިނަލަށް ދަތުރުކުރީ އަމިއްލަފުށި މޯލްޑިވްސްއެވެ. ފައިނަލްގައި އަމިއްލަފުއްޓާއި ވާދަކުރަން ޖެހޭނީ ޕްލޭ އޮފް މެޗު ކާމިޔާބުކުރާ ޓީމަކުންނެވެ.
ރައުންޑްރޮބިން ބުރުގެ ފަހު މެޗުގައި ވައްކަރު މޯލްޑިވްސް އިން ވަނީ ތިން ސެޓު އެއް ސެޓުން ދުސިތު ތާނީ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ވައްކަރު މޯލްޑިވްސް އިން ހޯދީ 20-25 އިންނެވެ. ދެ ވަނަ ސެޓު އެ ޓީމު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހުއެވެ، ދާދި އެއްވަރުކޮށް ދިޔަ މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 26-28 އިންނެވެ. ނަމަވެސް ދުސިތު ތާނީ އިން ވަނީ ތިން ވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. ހަތަރު ވަނަ ސެޓުގެ ކުޅުން ވެސް ފެނުނީ ވާދަވެރިކޮށެވެ. މި ސެޓު ވައްކަރު މޯލްޑިވްސް އިން ކާމިޔާބުކުރީ 23-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައްކަރު މޯލްޑިވްސްގެ ޙުސެއިން ނިލާމްއެވެ.
މުބާރާތުގެ ޕްލޭ އޮފް މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރުއެވެ.
މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.