ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 07:55
ޔޫނިއަން ބާލިން އިން ކުޅުނު މެޗުގެ ތެރެއިން
ޔޫނިއަން ބާލިން އިން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ޖަރުމަނު ލީގު
ވުލްފްސްބާގް ބަލިކޮށް ޔޫނިއަން ބާލިން އެއްވަނައިގައި
ބާލިންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު ވަނީ 0-2 އިން ވުލްފްސްބާގް ބަލިކޮށްފައި

ޖަރުމަނު ލީގުގެ އެއް ވަނަ މަގާމުގައި ޔޫނިއަން ބާލިން ދެ ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ބާލިންގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުގައި އެ ޓީމު ވަނީ 0-2 އިން ވުލްފްސްބާގް ބަލިކޮށްފައެެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާލިން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. ބާލިންގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ބެކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ޖޯޑަން ޕެފޮކްއެވެ. ބާލިންގެ ދެ ވަނަ ލަނޑު ޖެހީ ބެކާ އެވެ. އެއީ 77 ވަނަ މިނެޓުގައި ޕައުލް ސެގުއިން ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 17 ޕޮއިންޓު ހޯދައިގެން ބާލިން އޮތީ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބެނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި 14 ޕޮއިންޓާއެކު ފްރެއިބާގް އޮތް އިރު، ހަތަރު ވަނައިގައި އޮތް ހޮފެންހެއިމް އަށް ލިބެނީ 13 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ 12 ޕޮއިންޓާއެކު ފަސް ވަނަ މަގާމުގައެވެ.

މިއީ ބާލިންގެ ތާރީޚުގައި ވެސް ޖަރުމަނު ލީގުގެ އެއްވަނައިގައި އެ ޓީމު އޮތް ފުރަތަމަ ސީޒަންއެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. ފަސް މެޗުން މޮޅުވީއިރު، ދެ މެޗުން ވަނީ އެއްވަރުުވެފައެވެ.

މި ސީޒަންއަކީ ބާލިންގެ ތާރީޚުގައި ވެސް އެ ޓީމުން ޖަރުމަނު ލީގުގައި އެއް ވަނަ އަށް ޖެހިލި ސީޒަންއެވެ.

- ކޮމެންޓް