ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 07:10
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޕޮލިސް
ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރަށް
ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
ފުލުހަކަށް އިންޒާރު ދިނީ މާފަންނުގެ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށް ކޮމިޝަނަރ ވިދާޅުވި
މި މައްސަލައިގައި ހިމެނޭ އެންމެނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި

މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގްރޫޕު ހަދައިގެން ރާވައިގެން މާފަންނަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ. އަދި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެ މައްސަލައިގައި އެ މީހާ ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރުމުން އޭނާ ނިސްބަތްވާ ގްރޫޕުގެ މީހުން މާފަންނު ޕޮލިސް ސްޓޭޝަނަށް އެއްވިކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ އެ މީހުންނާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ގްރޫޕަކަށް ނިސްބަތްވާ މީހަކު ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާއިރު މި މަހުގެ 9 ވަނަ ދުވަހު ހެންވޭރަށް ނިސްބަތްވާ ގްރޫޕަކުން ވަނީ 3 ފުލުހަކަށް ހަމަލާ ދީފައެވެ. އެ ފުލުހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާއިރު އެ މައްސަލައިގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުންނަށް ދޭ މިފަދަ ހަމަލާތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ހަމަލާ ދީފައިވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށެވެ. އެ ހަމަލާ ދީފައިވަނީ އެ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް