އިންޓަ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ނުވަވަނަ މެޗުގައި އަނަންތަރަ ކިހާވައް ބަލިކޮށް، އަމިއްލަފުށިން ސީދާ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
އަނަންތަރައިގެ މައްޗަށް އަމިއްލަފުށިން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ. ފައިނަލްގެ ޖާގަ އަމިއްލަފުށިން ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. އަނަންތަރަ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން ބަލިވެފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ އަނަންތަރައިންނެވެ. އެ ޓީމުން މި ސެޓު ހޯދީ 14-25 ގެ ބޮޑު ލީޑަކުންނެވެ. ނަމަވެސް އަމިއްލަފުށިން ވަނީ ހަމަ އެ ސްކޯއިން ޖެހިގެން އައި ދެވަނަ ސެޓު ހޯދާފައެވެ. ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިންވަނަ ސެޓުގެ ކުޅުން ވާދަވެރިއެވެ. މި ސެޓު އަނަންތަރައިން ކާމިޔާބުކުރީ 20-25 އިންނެވެ. އެއް ސެޓުގެ ލީޑެއްގައި އަނަންތަރައިން އޮއްވާ އަމިއްލަފުށިން ވަނީ ހަތަރުވަނަ ސެޓު 25-21 އިން ކާމިޔާބުކޮށް ސެޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަތީޖާ ނެރުމަށް ޖެހުނީ ފަސްވަނަ ސެޓެއް ކުޅޭށެވެ. މި ސެޓު އަމިއްލަފުށިން ކާމިޔާބުކުރީ 15-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމިއްލަފުށީގެ ޙުސެއިން ޝާހިދު (ޝާޑު)އެވެ.
މެޗުން މޮޅުވެ ހަތަރު މެޗުން ޖުމުލަ 11 ޕޮއިންޓު ހޯދައިގެން އަމިއްލަފުށި އޮތީ އެއްވަނަ މަގާމުގައެވެ. ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން އަނަންތަރަ އޮތީ ދެވަނަ މަގާމުގައެވެ. ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ވައްކަރު މޯލްޑިވްސް އޮތީ ތިންވަނަ މަގާމުގައެވެ. ހަތަރުވަނަ މަގާމުގައި އޮތް ދުސިތު ތާނީ އަށް ތިން ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ސޮނެވާފުއްޓަށް ޕޮއިންޓެއް ނުލިބެއެވެ.
މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.