ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 09:44
ޤާސިމް އިބްރާހީމް
ޤާސިމް އިބްރާހީމް
ޝުއައިބް މުހައްމަދު އިގްބާލް
ޤާސިމް މަޖިލީހަށް ވަޑައިނުގަތުން
މަޖިލީހަށް ނުގޮސް ހުރީ ކޮވިޑްގެ ސަބަބުން: ޤާސިމް
ކޮވިޑްގެހާލަތު ރަނގަޅުވުމުން މިހާރު މަޖިލީހަށް ވަޑައިގަންނަވާކަމަށް ވިދާޅުވި
ޤާސިމް ވަނީ މިހާރު މަޖިލީހަށް 3 ބިލެއް ހުށަހަޅުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މަޖިލީހާ ދުރުގައި ހުންނެވީ ކޮވިޑް-19ގެ ބަލިމަޑުގެ ސަބަބުންކަމަށް، ޖުމްހޫރީޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނަށް ކޮވިޑުގެ އާލާސްކަންފުޅާ ކުރިމަތިލައްވަން ޖެހިވަަޑައިގަތް ހިސާބުންކަމަށެވެ. އަދި އޭރު ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވުމާއި، އެމަނިކުފާނަކީ ސިއްހީހާލުކޮޅު ހުރިގޮތުން ބަލާއިރު ހައި ރިސްކް ނުވަތަ ކޮވިޑުގެ ނުރައްކާ ބޮޑު މީހެއް ކަމަށް ވާތީ، ސިއްހީގޮތުން އެންމެ ރައްކާތެރިގޮތަކީ މަޖިލީހަށް ވަޑައިނުގަތުންކަމަށް ގަބޫލުފުޅުކުރެއްވުނީތީ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީ އަނެއްކާވެސް މަޖިލީހުގެ މަސައްކަތްތަކައިގެން މަޝްޣޫލުވެ އުޅުއްވަން ފައްޓަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ނުރައްކާތެރިކަމާ، އަޅުގަނޑުގެ އުމުރާ، އަޅުގަނޑުގެ ބަލި ހާލަތު (މި ދެންނެވީ ސިއްހީ ހާލަތު) ހުރިގޮތުން އަޅުގަނޑަކީ ކޮވިޑަށް ވަރަށް އެޓްރެކްޓިވް މީހަކަށް ވާތީ، އަޅުގަނޑު ތަންކޮޅެއް ދުރުގަ ހުރީ. އެއީ ދީނުގަވެސް އަޅުގަނޑުމެންނަށް ވެސް އެނގިފަ އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ.
ޤާސިމް އިބްރާހީމް

ޤާސިމް މަޖިލީހަށް ވަޑައިނުގަންނަވާތީ ބައެއް މެމްބަރުންނާއި އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ދާދިފަހުން ޤާސިމް ވަނީ މަޖިލީހަށް ބިލްތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87ށްވުރެ އިތުރުނުވާގޮތް ހެދުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ހުށަހެޅުއްވުމާއި، ލިވާތުގެ ކުށާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވުމުގެ އިތުރުން، އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅަން ހުށަހެޅުއްވުން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް