ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 08:22
އިންޓަރ ރިސޯޓް ވޮލީ، ޒޯން ފަހެއްގެ ތެރެއިން
އިންޓަރ ރިސޯޓް ވޮލީ، ޒޯން ފަހެއްގެ ތެރެއިން
އިންޓަރ ރިސޯޓް ވޮލީ މުބާރާތް
ފަހަތުން އަރައި ސޮނެވާފުށި ބަލިކޮށް، ދުސިތު ތާނީން ފުރަތަމަ މޮޅު ހޯދައިފި
ދުސިތު ތާނީން ކާމިޔާބުކުރީ، ސޮނެވާފުށިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެން

އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި ސޮނެވާފުށި ބަލިކޮށް ދުސިތު ތާނީން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި މީގެ ކުރިން މި ދެ ޓީމު ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ ބަލިވެފައެވެ. މި ދެ ޓީމު ބައްދަލުކުރި މެޗު ދުސިތު ތާނީން ކާމިޔާބުކުރީ ސޮނެވާފުށިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ސޮނެވާފުށިން ކާމިޔާބުކުރީ 22-25 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު 25-19ން ކާމިޔާބުކޮށް ދުސިތު ތާނީން ވަނީ އުންމީދެއް ހޯދާފައެވެ. އެ ރޫހުގައި ނިކުމެ ދުސިތު ތާނީން ވަނީ ޖެހިގެން އައި ދެ ސެޓުވެސް ކާމިޔާބުކޮށްފައެވެ. އެއީ 25-21 އަދި 25-20ންނެވެ. މެޗުގެ ކުޅުންތެރިޔަކަށް ހޮވުނީ ދުސިތު ތާނީގެ އިބްރާހިމް ފަޒީލްއެވެ. މި ބައްޔާއެކު ސޮނެވާފުށިން މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ. ދުސިތު ތާނީއަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. އެއީ އާދިއްތަ ދުވަހު ވައްކަރު މޯލްޑިވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ޒޯންގެ އެއްވަަނަ މަގާމުގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، އަމިއްލަފުއްޓެވެ. ވައްކަރު މޯލްޑިވްސްއާއި އަނަންތަރައަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ދުސިތު ތާނީއަށް ތިން ޕޮއިންޓު ލިބޭއިރު، ސޮނެވާފުއްޓަށް ޕޮއިންޓެއް ނުލިބެއެވެ. ހޮނިހިރު ދުވަހުގެ ހަވީރު އަނަންތަރައާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ސީދާ ފައިނަލަށް ދިއުމުގެ ފުރުސަތު އަމިއްލަފުއްޓަށް އެބައޮތެވެ.

މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް