އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި އަނަންތަރަ ކިހާވަކުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ވައްކަރު މޯލްޑިވްސްއިން ނިމުން ގެނެސްފިއެވެ.
މުބާރާތުގެ ހަތްވަނަ މެޗަށް ނިކުތްއިރު އަނަންތަރަ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. ވައްކަރު މޯލްޑިވްސް ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. ހަތްވަނަ މެޗުގައި އަނަންތަރައިގެ މައްޗަށް ވައްކަރު މޯލްޑިވްސްއިން ކުރިހޯދީ ތިން ސެޓް އެއް ސެޓުންނެވެ.
ހަމަހަމަ ކުޅުމަކަށްފަހު ވައްކަރު މޯލްޑިވްސްއިން ފުރަތަމަ ސެޓު ހޯދީ 21-25ންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް އެ ޓީމުން ހޯދީ 10 ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ 15-25ންނެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ހަމަހަމަކޮށް ދިޔަ މި ސެޓް ފަހު ވަގުތު ކާމިޔާބުކޮށް، އަނަންތަރައިން އުންމީދެއް ހޯދިއެވެ. އަނަންތަރައިން މި ސެެޓު ހޯދީ 25-23ންނެވެ. ހަތަރުވަނަ ސެޓުގެ ކުޅުން ވާދަވެރިކޮށް ދިޔަނަމަވެސް، ފަހު ވަގުތު ވައްކަރު މޯލްޑިވްސްއިން ވަނީ ކުރި ހޯދައި ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. ފަހު ސެޓު އެ ޓީމުން ހޯދީ 21-25ންނެވެ. މެޗުގެ މޮޅު ކުޅުންތެެރިޔަކަށް ހޮވުނީ ވައްކަރު މޯލްޑިވްސްގެ ހަސަން ނިލާމްއެވެ.
މި ޒޯންގެ އެއްވަަނަ މަގާމުގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، އަމިއްލަފުއްޓެވެ. ވައްކަރު މޯލްޑިވްސްއާއި އަނަންތަރައަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ސޮނޭވާފުއްޓާއި ދުސިތު ތާނީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.