އިންޓަރގްރޭޑެޓް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫއުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހައި ސްޕީޑް ފެރީ ނިޒާމު، ފޭސް 2 އަދި 3ގެ ޚިދުމަތަށް ބޭނުންވާ ފެރީތައް ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެމްޓީސީސީން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދެވަނަ ފޭސްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ގޮންޖެހުންތައް ހުރިނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ދަތި އުނދަގުލުގެ ތެރެއިން ރައްޔިތުންނަށް ދޭ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި 65 ލޯންޗް ބަނުމަށް ހަވާލުކޮށްފައިވާއިރު ފޭސް ދޭއްގެ ޕްރޮޖެކްޓްގެ އަގަކީ 537 މިލިއަން ރުފިޔާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން 65 ފެރީ ބަނުމުގެ މަސައްކަތް އެމްޓީސީސީން ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. މި ފެރީތަކަކީ 50 މީހުން ޖާގައިގެ އެއަރ ކޮންޑިޝަން ފެރީތަކެކެވެ. އަދި ފެރީތަން ބަނުމުގައި ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރުތައް ކުރެވޭގޮތަށާއި ފެރީގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކުރެވިފައިވާނީ ދަތުރުތަކަށް އެންމެ އެކަށޭނެގޮތަށްކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ފާޚާނާއާ ރޭމްޕަކާއި ސްޓްރެޗަރއާއި ފުރޮޅުލީގޮނޑި ބަހައްޓާނެ ޖާގަ ފެރީތަކުގައި ހުންނާނެކަމަށްވެސް ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ފޭސް 1ގެ ޒޯންތައް ކަމުގައިވާ ހއ، ހދ، އަދި ށ އަތޮޅަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ދޭންފަށާފައެވެ. އަދި މަޝްރޫއުގެ ފޭސް 2 އަދި 3ގެ ދަށުން ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށުމުން، ކަނޑުދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅާލެވޭނެއެވެ.