އިންޓަ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދައިފިއެވެ.
މި ޒޯންގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދީ ފައިނަލްގައި ތިން ސެޓު އެއް ސެޓުން ޖޯލި މޯލްޑިވްސް ބަލިކޮށްގެންނެވެ. މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ވެސް މި ދެ ޓީމު ވަނީ ވާދަކޮށްފައެވެ. އެ މެޗު ކާމިޔާބުކޮށްފައިވަނީ ޖޯލި މޯލްޑިވްސްއެވެ. މުބާރާތުގެ ފައިނަލުން ޖޯލި މޯލްޑިވްސް ޖާގަ ހޯދީ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޖޯލި ބީން ފައިނަލަށް ދަތުރުކުރީ ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 17-25 އިން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްއެވެ. ނަމަވެސް ޖޯލި ބީން އިން ވަނީ ޖެހިގެން އައި ދެވަނަ ސެޓާއި ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ޖޯލި ބީން އިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ. އަދި ވާދަވެރިކޮށް ދިޔަ ތިންވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 އިންނެވެ.
އެއް ސެޓުގެ ލީޑެއްގައި ޖޯލި ބީން އޮތް ނަމަވެސް، ޖޯލި މޯލްޑިވްސް އިން ވަނީ ހަތަރު ވަނަ ސެޓަށް ނިކުމެ، ރަނގަޅު ލީޑަކުން ސެޓު ހޯދާފައެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ޖޯލި ބީން އިން ޖޯލި މޯލްޑިވްސްގެ މައްޗަށް ކުރި ހޯދީ 15-10 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި ބީންގެ ޙުސެއިން އަލީއެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި ބީންގެ އިބްރާހިމް ޝަރީފްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖޯލި ބީންގެ ކޯޗު ނަސްރުﷲ ތޯހާއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ޖޯލި ބީންގެ ސައީދު މޫސާ، މުޙައްމަދު އަލީ، އަޙުމަދު މުޙައްމަދު، ޖޯލި މޯލްޑިވްސްގެ ޝުއައިބް ޢަބްދުއް ލަތީފް، މުޙައްމަދު ޙަމީދު އަދި ކޮރަ ކޮރަގެ އަޙުމަދު ސައިފުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ޖޯލި މޯލްޑިވްސްގެ އަލީ ސަމީރު އަޙުމަދު ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ޖަވާމް އަލީއެވެ.
މި ޒޯންގައި ވާދަކުރި ޓީމުތަކަކީ، ޖޯލި މޯލްޑިވްސް، ސިޔާމް ވޯލްޑް، ކޮރަ ކޮރަ މޯލްޑިވްސް، ޖޯލި ބީން އަދި ދިގަލި މޯލްޑިވްސްއެވެ.