ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 08:06
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު ވޮލީ މުބާރާތް
ސީދާ ތިން ސެޓުން ސޮނެވާ ފުށި ބަލިކޮށް އަމިއްލަފުށިން އެއްވަނައަށް
މެޗުގެ ސެޓުތައް އަމިއްލަފުށިން ހޯދީ 22-25، 16-25 އަދި 18-25 އިން

އިންޓަ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ހަވަނަ މެޗުގައި ސޮނެވާ ފުށި ބަލިކޮށް، އަމިއްލަފުށިން އެއްވަނައަށް ޖެހިލައިފިއެވެ.

މެޗު އަމިއްލަފުށިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި އެ ޓީމުން ހޯދި ތިންވަނަ މޮޅެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި މިއީ ސޮނެވާ ފުށީގެ ތިންވަނަ ބައްޔެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ވާދަވެރިކޮށް ދިޔަ ނަމަވެސް، ދެން ކުޅުނު ދެ ސެޓު ވެސް އަމިއްލަފުށިން ހޯދީ ހެޔޮވަރުގެ ލީޑެއްގައެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ސެޓު އަމިއްލަފުށިން ކާމިޔާބުކުރީ 22-25 އިންނެވެ. ނަމަވެސް ލީޑުގައި އޮވެ ދެވަނަ ސެޓު 16-25 އިން ހޯދިއިރު، ތިންވަނަ ސެޓު ހޯދީ 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމިއްލަފުށީގެ އަޙުމަދު އަޒީމްއެވެ.

ކުޅުނު ތިން މެޗުން މޮޅުވެ އަމިއްލަފުށި އެއްވަނާގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. އަމިއްލަފުއްޓަށްވުރެ އެއް މެޗު މަދުން ކުޅެ ދެވަނާގައި އޮތް އަނަންތަރަ ކިހާވަކަށް ލިބެނީ ހަ ޕޮއިންޓެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ވަކަރު މޯލްޑިވްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ޕޮއިންޓުގެ ގޮތުން އަމިއްލަފުއްޓާ އެއްވަރުކުރުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ. މުބާރާތުގައި ދެން ވާދަކުރާ ސޮނެވާފުއްޓާއި، ވަކަރު މޯލްޑިވްސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް