ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:43
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް
ޔުނިސެފް
ޑިމޮކްރަސީ ދުވަސް ފާހަގަކުރުން
ޑިމޮކްރަސީ ދުވަހާ ގުޅިގެން އީސީން ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ
 
ވަނަތައް ހޮވާނީ ކޮންމެ ކީ ސްޓޭޖަކުން
 
މިމުބާރާތް ޚާއްސަކުރަނީ ގްރޭޑް 7ން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންނަށް
 
ކުރެހުންތައް ހުށަހަޅަންޖެހޭނީ 15 ސެޕްޓެމްބަރ އިން 10 ނޮވެމްބަރުގެ ނިޔަލަށް

ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިމުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އީސީގެ ހިޔުމަން ރިސޯސަސް ސިވިކް އެޑިޔުކޭޝަން އެންޑް ލީގަލް ޑިރެކްޓަރު އަލްއުސްތާޒު އިބްރާހީމް ހާފިޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރުމުގެ އިތުރުން ރައްޔިތުން ޑިމޮކްރަސީއަށް އަހުލުވެރިކުރުވުމަށް ގާނޫނުން އީސީއަށް ލާޒިމުކުރާކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ކަންތައްތަކެއް ކުރާކަމަށެވެ.

އެގޮތުން މިއަހަރުވެސް ފުޅާ ދާއިރާއެއްގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ރޭވި ކަމަށާއި ނަމަވެސް ބަޖެޓްގެ ދަތިކަމާއެކު އެފުުރުސަތު ލިބިގެންނުދިޔައީ ކަމަށް ހާފިޒު ވިދާޅުވިއެވެ. މީގެއިތުރުން ގިނަ ބައި އިލެކްޝަންތަކެއް ބާއްވަންޖެހުމާއެކު ދުވަހާ ގުޅިގެން ރާވާފައިވަނީ މަދު ހަރަކާތްތަކެއް ކަމަށް ހާފިޒު ވިދާޅުވިއެވެ.

އެގޮތުން ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ކުރެހުމުގެ މުބާރާތަކީ އެޑިޔުކޭޝަން މިނިސްޓްރީ އާ ގުޅިގެން ކުރިޔަށްގެންދާ މުބާރާތެއްކަމަށް ހާފިޒު ވިދާޅުވިއެވެ. އަދި މިއީ ދަރިވަރުންގެ މެދުގައި ޑިމޮކްރަސީ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދާ މުބާރާތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމުބާރާތުގެ ތީމަކީ "ޑިމޮކްރަސީގައި މަގޭ ދައުރު"ވެ. ކުރެހުންތައް ހުށަހަޅަންޖެހޭނީ 15 ސެޕްޓެމްބަރުން 10 ނޮވެމްބަރުގެ ނިޔަލަށްކަމަށް ހާފިޒު ވިދާޅުވިއެވެ.

މިމުބާރާތް ޚާއްސަކުރަނީ ގްރޭޑް 7ން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންނަށެވެ. ވަނަތައް ހޮވާނީ ކޮންމެ ކީ ސްޓޭޖަކުންކަމަށް ހާފިޒު ވިދާޅުވިއެވެ. ކޮންމެ ކީ ސްޓޭޖަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާއިރު 1 ވަނަ އަށް އަންނަ ކުއްޖަކަށް 3000 ރުފިޔާ ލިބޭނެއެވެ. 2 ވަނަ އަށް އަންނަ ކުއްޖަކަށް 2000 ރުފިޔާ އަދި ތިން 3 ވަނަ އަށް އަންނަ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެއެވެ.

މުބާރާތް ޖަޖުކުރުމަށް އުސޫލެއް ތައްޔާރުކޮށްފައިވާނެކަމަށާއި އީސީގެ ވެބްސައިޓާއި ފޭސް ބުކް ޕޭޖުން މިއުސޫލު ފެންނަންހުންނާނެކަމަށް ހާފިޒު ވިދާޅުވިއެވެ. އުސޫލުގައިވާ ގޮތުން ކޮންމެ ކީ ސްޓޭޖަކުން 10 ކުރެހުން ހޮވުމަށްފަހު ސޯޝަލް މީޑިޔާއަށް އެ ކުރެހުންތައް ޕޯސްޓް ކުރާނެކަމަށެވެ. އަދި އެ ކުރެހުންތަކަށް ލިބޭ ލައިކްތަކަށް 25 އިންސައްތަ މާކްސް ކަނޑައަޅާފައިވާއިރު ޖަޖުންގެ ޕެނަލަކުން 75 އިންސައްތަ މާކްސް ލިބޭނެކަމަށް ހާފިޒު ވިދާޅުވިއެވެ.

ހާފިޒު ވިދާޅުވީ ވަނަވަނައަށް އަންނަ ކުދިންގެ އިތުރުން ބައިވެރިވާ ކޮންމެ ސްކޫލަކަށްވެސް ހަނދާނީ ފިލައެއް އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް