Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 07:05
130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު
130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު
އެމްއެންޑީއެފް
ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު
130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތު ބާއްވައިފި
ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ކޯސްތަކުންނާއި ހަރަކާތްތަކުން ރަންވަނަތައް ހާސިލުކޮށް ލެޓަރ އޮފް ކޮމެންޑޭޝަން ދެއްވާފައި
އޮޕަރޭޝަނަލް ދާއިރާއިން ދައްކާފައިވާ ހިތްވަރުގަދަކަން ފާހަގަކޮށް، ސިފައިންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންދޭ ޝަރަފުގެ ނިޝާނާއި ކޮމެންޑޭޝަން ވަނީ ދެއްވާފައި

130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސިފައިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމުން ދިވެހި އަސްކަރިއްޔާއިން ވަނީ އެމަނިކުފާނަށް ޝަރަފުގެ ގާޑެއް އަރުވާފައެވެ.

ސިފައިންނާ މުޚާޠަބު ކުރައްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވާހަކަފުޅު ދެއްކެވިއިރު، މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ސިފައިން ކޮށްފައިވާ މަަސައްކަތްތަކާއި ހޯދާފައިވާ ކުރިއެރުންތަކުގެ އުސްއަލިތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް މިރަސްމިއްޔާތުގައި ދައްކާފައިވެއެވެ. މީގެއިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ކޯސްތަކުންނާއި ހަރަކާތްތަކުން ރަންވަނަތައް ހާސިލުކޮށް، ރާއްޖެއަށާއި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންގެ އަގުވަޒަން ކުރުމުގެ ގޮތުން "ލެޓަރ އޮފް ކޮމެންޑޭޝަން" ވަނީ ދެއްވާފައެވެ. އެ ފަރާތްތަކަށް "ލެޓަރ އޮފް ކޮމެންޑޭޝަން" ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Advertisement

އަދި، ސިފައިންގެ ޚިދުމަތުގެ ދާއިރާތަކުގެ ތެރެއިން އޮޕަރޭޝަނަލް ޑިއުޓީސްއާއި، އިޖުތިމާޢީ ޚިދުމަތާއި، ޢުމްރާނީ ތަރައްޤީއާއި، އިންޖިނިއަރިންގގެ އިތުރުން، ލޮޖިސްޓިކް ސަޕޯޓް އަދި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާއިން ޚާއްޞަ ޚިދުމަތްތަކެއްކޮށް، ކޮމެންޑޭޝަން ހާސިލުކުރި ސަރވިސްތަކާއި ޔުނިޓްތަކަށް ވެސް ވަނީ ލިޔުން ހަވާލުކޮށްފައެވެ. ކޮމެންޑޭޝަން ހާސިލުކުރި ސަރވިސްތަކާއި ޔުނިޓްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

އޭގެއިތުރުން، އޮޕަރޭޝަނަލް ދާއިރާއިން ދައްކާފައިވާ ހިތްވަރުގަދަކަން ފާހަގަކޮށް، ސިފައިންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންދޭ ޝަރަފުގެ ނިޝާނާއި ކޮމެންޑޭޝަން ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ރައްޔިތުންނަށް ސިފައިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތު އެކިގޮތްގޮތުން އާދަޔާ ޚިލާފު އެހީތެރިކަމެއް ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވެދުންކުރާ "ޚިދުމަތުގެ އަގުވަޒަންކުރުމުގެ އައްޑަނަ" ޙަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މި ރަސްމިއްޔާތުގައި ސިފައިންނަށް ވަނީ ޢަޒުމް އާކޮށްދެއްވާފައެވެ. އިސްވެ ސިފައިންނަށް ޢަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި، ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން ދައްކުވައިދޭ ޑިސްޕްލޭއެއް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގެ ފަރާތުން ޤައުމީ ދެ ލަވައެއް ހުށައަޅައި ދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން މި ރަސްމިއްޔާތުގައި  ރައީސުލްޖުމްހޫރިއްޔާގެ ނާޢިބު ފައިޞަލް ނަސީމާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ސަފީރުންނާއި، ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އިސް ޚިދުމަތްތެރިންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް