ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 23:01
ސިފައިންގެ 130 ވަނަ އަހަރީ ދުވަސްފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ގެ ތެރެއިން
ސިފައިންގެ 130 ވަނަ އަހަރީ ދުވަސްފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ގެ ތެރެއިން
ރައީސް އޮފީސް
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާ 2022
މިއަދު ޒަޢާމަތުގައި ހުންނެވީ ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން: މިނިސްޓަރ މާރިޔާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އިޙްސާސްތައް އަޑުއައްސަވާ، ޤައުމުގެ ސަލާމަތީ ޙާލަތު ފަހުމްވާ ވެރިއެއް

މިއަދު ދިވެހިރާއްޖޭގެ ޒަޢާމަތުގައި ހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އިޙްސާސްތައް އަޑުއައްސަވާ، ޤައުމުގެ ސަލާމަތީ ޙާލަތު ފަހުމްވެ ވަޑައިގަންނަވާ ވެރިއެއް ކަމަށެވެ. އަދި އެއީ ދިފާޢީ އަމާޒު ހިފަންވީ މިސްރާބު ދެނެވަޑައިގަންނަވާ ލީޑަރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މަޤާމާއި ހަވާލު ވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމީ ދިފާއީ ބާރަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ސަލާމަތީ ނިޒާމުތައް ބައްޓަން ކުރެއްވުމަށް ކަަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ސިފައިންނަށް ބޭނުންވާ އާލާތާއި ވަޞީލަތް ހޯއްދަވާދެއްވާ، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަރަށް މުހިންމު ވައުދެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ކޯސްޓްގާޑްގެ ހުރިހާ ބޮޑެތި އުޅަނދުތައް އޮތީ ނުދުވާ ހާލަތުގައި ކަަމަށެވެ. ނަމަވެސް މިއަދު އެއް އުޅަނދު ފިޔަވާ ހުރިހާ އުޅަނދެއް އޮޕަރޭޝަނަލް ޙާލަތަށް ގެނެސް ކޯސްޓްގާޑުން ބޭނުން ކުރަމުންދާ ކަމަށާއި ކޯސްޓްގާޑް ޝިޕް ހުރަވީގެ ޙާލަތު ދަށްވަމުންދާތީ ބަދަލުގައި އެހެން އުޅަނދެއް ލިބޭނެ މަގު ރައީސުލްޖުމްހޫރިއްޔާ ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދާ މިހަތިޔާރާއި ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީންތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ސިފައިންގެ ތާރީޚުގައިވެސް ދިފާޢީ ދާއިރާއިންކުރެވޭ އެންމެ ބޮޑު ތަރައްޤީގެ މަސައްކަތްކަމުގައިވާ ސިފަވަރުގައި ޤާއިމްކުރެވޭ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑް އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ޤާޢިމްކުރުމުން، ސިފައިންގެ އުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި، މެރިޓައިމް ޓްރޭނިންގ އާއި ޑައިވިންގ އެންޑް ސެލްވޭޖް އޮޕަރޭޝަންތައް ރާވާ ހިންގުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހަމައެހެންމެ، ސިފައިންގެ ބަޑިޖެހުމުގެ ހުނަރު މަތީމިންގަނޑެއްގައި ދެމެހެއްޓުމަށް ސިފައިންގެ ތަމްރީން ނިޒާމުގެތެރެއަށް ތަޢާރަފްކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުންދާ މާކްސްމަންޝިޕް އަދި ކޮމްބެޓް ޓްރޭނިންގ ސިމިއުލޭޓަރ ޤާއިމްވުން ވެގެންދާނީ ސިފައިންގެ ތަމްރީނަށް ލިބޭނެ ޒަމާނީ ބޮޑު ކުރިއެރުމަކަށް. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ލިބެނީ ހަމައެކަނި ދިވެހިރާއްޖެއިން ދެވޭ ތަމްރީން. އެހެންނަމަވެސް، މިހާރު މުޅި ސަރވިސްއަށް ބޭނުންވާ ހުރިހާ ލެވެލްއެއްގެ ތަމްރީންތަކަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާ، އެފުރުޞަތުތަކަށް ސިފައިންގެ ފަޔަރ ފައިޓަރުން ފޮނުވައިގެން މިދަނީ ތަމްރީނު ދެމުން. އިރާދަކުރެއްވިއްޔާ، ކުރިމަގުގައި މިޕްރޮގްރާމްތައް އިތުރަށް ފުޅާވެގެންދާނެ.
މާރިޔާ އަހްމަދު ދީދީ

މާރިޔާ އިތުރަށް ވިދާޅުވީ މިންތީގެ ހަމަހަމަކަމުގައި ރައީސް ޞާލިޙަކީ ހަމައެކަނި ބަސްބުނެފަ ނިންމަވާލައްވާ ވެރިއެއްނޫން ކަމަށެވެ. ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީ 5 އަހަރާ އަޅާބަލާއިރު، މިދިޔަ 3 އަހަރާ ބައިގެ ތެރޭގައި އަންހެނުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓްކުރެވުނު ނިޞްބަތް 25 އިން ސައްތަ އިތުރުވެއްޖެ ކަމަށާއި އަންހެން ސިފައިންނަށް މަޤާމުގެ ކުރިއެރުން ލިބުނު މިންވަރު 50 އިން ސައްތަ އިތުރު ވެއްޖެ ކަމަށެވެ. އަދި ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ޙިއްސާ 120 އިން ސައްތަ އިތުރުކުރެވިއްޖެ ކަން ފާހަގަ ކުރެއްވިއެވެ.

ސިފައިންނަށް ޤަދަރާއި އިޙުތިރާމާއި ލޯބި ލިބެނީ ރައްޔިތުންނަށް އޯގާތެރިވެ، މަދަދުވެރިވެ، އަޅާލާ އެހީތެރިވެދޭ ބަޔަކަށް ވުމުންކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ސިފައިން ވާންޖެހެނީ ދިވެހި ރައްޔިތުންނަށް ސަލާމަތްތެރި އަދި ފުދުންތެރި ހެޔޮވެރިކަމެއް ކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މަދަދު ޤާރުންގެ ގޮތުގައި ކަމަށެވެ.

ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ހެޔޮ ބަދަލުތައް ގެނެވެނީ، ސިފައިންގެ ކޯޑް އޮފް އެތިކްސްގައި ބަޔާންކޮށްފައިވާ ފަދައިން، އަސްކަރިއްޔާއިންވެސް ޤާނޫނީ ސަރުކާރަށް ކިޔަމަންތެރިވެ އެއްބާރުލުންދޭތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް