ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 18:28
މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުން
މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުން
އެމްޓީސީސީ
މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުން
މަޑަވެއްޔާއި ހޯޑެއްދޫ، ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުން ޖުމްލަ 4 ރަށެއް ގުޅާލެވޭ
މިއީ އިގުތިސާދީ ހަރަކާތް ކުރިއެރުވުމަށް ލިބޭ ފުރުސަތެއް

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގދ. ހޯޑެއްދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެމްބަރު ހުސައިން ފިރުޝާންއާއި މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މި ކޯޒްވޭ އެޅިގެންދާނީ ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭ މަތިން ހެވީ ވެހިކަލަށްވެސް ދަތުރުކުރެވޭ ފެންވަރަށް ކަމަށެވެ. މި އެޅޭ ކޯޒްވޭއަކީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކޯޒްވޭއަކަށް ވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް - އެމްޓީސީސީ

މި ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ޚިދުމަތް ލިބެންފަށާއިރު، މިހާރު ތަޖުރިބާކުރާ ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

މި ކޯޒްވޭއިން ޖުމްލަ 4 ރަށް ގުޅާލެވޭނެއެވެ. އެއީ، ހޯޑެއްދޫއާ މަޑަވެއްޔާ ދޭތެރޭގައި އޮތް "ކަންނިގިލާ"އާއި "ހާދޫ"ވެސް މި ކޯޒްވޭއާ ގުޅާލެވޭތީކަމަށް އާޒިމް ވިދާޅުވިއެވެ. މި ހަތަރު ރަށް ގުޅާލެވުމާއެކު، އިގުތިސާދީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، ކޯޒްވޭގެ 2،544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތްކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4،596 އަކަމީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1،378 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރުއެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިލިންގއާއި މަގުބައްތި ހަރުކުރުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ.

މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް