ސިޔާސީ މަސައްކަތަކެއް ނުކުރައްވާ ކަމަށާއި ކުރައްވަނީ އިސްލާހީ މަސައްކަތްތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތް ނުކުރައްވާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އަދި ސިޔާސީ މަސައްކަތް ކުރައްވާނަމަ މިހާރު ހުންނަވާނީ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާހަށް ކުރައްވާ މަސައްކަތުގައި މިއަދާ ހަމައަށް ކުރެއްވުނު ކަންކަން ކާމިޔާބުކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެއިން އެއްވެސް މަސައްކަތެއް ކުރެވުނީތީ އެކަމާ ހިތާމަ ނުކުރައްވާ ކަމަށެވެ. އެގޮތުން، ލިބިވަޑައިގެންނެވި އާމްދަނީގެ 60 އިންސައްތަ ހޭދަކުރައްވާފައިވާނީ ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންނަށް އެހީވުމަށާއި މާތް ﷲގެ މަގުގައި ހޭދަކުރެއްވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ހިމެނެނީ ލިބޭ އާމްދަނީގެ އެންމެ 40 އިންސައްތައެވެ. އެހެންވެ، ޤައުމަށް ފުދޭ ވަރަކަށް ޚިދުމަތް ކުރެވިއްޖަ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑަށް ލިބުނު އާމްދަނީގެ ގާތްގަޑަކަށް 60 ޕަސެންޓް އަޅުގަނޑު ހޭދަ ކުރީ ދިވެހި ޤައުމުގެ ކުރިއެރުމާއި ދިވެހި ރައްޔިތުންނަށް ކިޔަވައިދިނުމާއި އެހީތެރިވެދިނުމާއި ﷲ ގެ މަގުގައި ހޭދަ ކުރުމާއި މިކަންކަމުގައި ހޭދަ މިކުރަނީ. އަޅުގަނޑަށް ލިބުނު އަނެއް 40 ޕަސެންޓަކީ އަޅުގަނޑުގެ އިންވެސްޓްމަންޓް. މިއަދު އަޅުގަނޑު އުމުރުން 72 އަހަރު ފުރި 73 އަހަރަށް ލައިގެން މިދަނީ. އައި ހޭވް ޑަން އިނަފް ފޯ ދިސް ނޭޝަން،ގާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީގެ ލީޑަރު
ކުރިއަށް އޮތްތަނުގައިވެސް ހުންނަވާނީ އިސްލާހީ މަސައްކަތާއި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އިސްލާހީ މަސައްކަތުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި ހޯއްދަވަން ޖެހިވަޑައިގަންނަވާ މަގާމެއް ވިޔަސް ހޯއްދަވާނެކަމަށް ވިދާޅުވިއެވެ. މަޖިލީހުގައި ހުންނެވުމުގެ ބޭނުމަކީ ވެސް އެއީކަމަށް ގާސިމް ވިދާޅުވިއެވެ.