ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 10:50
ކުރީގެ ރައީސް ޔާމީން އާއި އަހުމަދު އަދީބު - ރިކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރަން
ކުރީގެ ރައީސް ޔާމީން އާއި އަހުމަދު އަދީބު - ރިކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރަން
ރާއްޖެއެމްވީ
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު
ރައީސް ޔާމީން އޭރު ފައިސާ ހޯއްދަވަމުން ގެންދެވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބުގެ އިތުރުން މެމްބަރުންނަށާއި، ކަމާބެހޭ އިދާރާތަކުގެ މީހުންނަށް ރިޝްވަތު ދިނުމަށް ކަމަށް އަދީބު ބުނެފައިވޭ
2012ން ފެށިގެން ނައިބު ރައީސްކަމުން ވަކިކުރުމާ ހަމައަށް ޓޫރިޒަމްގެ އެކި އެކި ބޭނުންތަކަށް ދޫކުރަމުން އައި ރަށްތަކުގެ ކަންތަކުގައި ފައިސާ ހޯދުމަށް ޔާމީންގެ އިރުޝާދުތައް ލިބޭ
މި ކޯލް ރެކޯޑިންތަކަކީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން އަދީބުގެ ފޯނު އަޑުއެހި އިރު ލިބިފައިވާ ރެކޯޑިންތަކެއް

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ހިމެނޭއިރު، އެ ރެކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރުމަށްކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖީލީހުގައި ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ. 

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވެސް ދައުލަތުން ބުނެފައިވަނީ ޔާމީނާއި އަދީބާ ދެމެދު ދެއްކެވިފައިވާ ފޯނު ކޯލްތަކެއްގެ ރިކޯޑިން ކޯޓު އަމުރެއްގެ ދަށުން ހޯދުމަށްފަހު ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ރެކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރަން ކަމަށް ދައުލަތުން ބުނެފައިވެއެވެ. މީގެ އިތުރުން ދައުލަތުން ފާހަގަކޮށްފައިވާގޮތުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާއެއް ކަން ސާބިތުވާނެ ހެކި އެބަހުރި ކަމަށެވެ. އަދި އެ ކަމަށް ޔާމީން ނުފޫޒު ފޯރުއްވި ކަމުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ބުނެފައިވެއެވެ. 

އަހުމަދު އަދީބު ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އެކި ރަށްތައް އެކި މީސްމީހުންނަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކޮށްދޭން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ފޯންކޯލްތައް ޝަރީއަތުގައި އަޑުއިއްވާފައި ނުވިނަމަވެސް، އެ ފޯނުކޯލުތަކުގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ފަރާތުން އަހުމަދު އަދީބާ ސުވާލުކޮށް ހެކިބަސް ނަގާފައިވެއެވެ. 

މަޢުލޫމާތު ލިބިފައިވާގޮތުން މި ކޯލް ރެކޯޑިންތަކަކީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން އަދީބުގެ ފޯނު އަޑުއެހި އިރު ލިބިފައިވާ ރެކޯޑިންތަކެކެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރަށްތަކެއް އެކި ފަރާތްތަކަށް ދިނުމުގައި އަމަލުކުރި ގޮތްތަކާއި އިންތިހާބަށް ފައިސާ ހޯދުމަށް މިކަމުގެ ތެރެއިން ކަން ކުރި ގޮތާ ބެހޭ ގޮތުން އަހުމަދު އަދީބުއާއި ޔާމީނާއި ފޯނުން ދައްކަވާފައި ހުންނެވި ވާހަކަތައް ހިމެނެއެވެ. 

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަހުމަދު އަދީބު ވިދާޅުވެފައިވަނީ 2012 ގައި އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން އޭނާ 2015 ވަނަ އަހަރު ނައިބު ރައީސްކަމުން ވަކިކުރުމާ ހަމައަށް ޓޫރިޒަމްގެ އެކި އެކި ބޭނުންތަކަށް ދޫކުރަމުން އައި ރަށްތަކުގެ ކަންތަކުގައި ފައިސާ ހޯދުމަށް ޔާމީންގެ އިރުޝާދުތައް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އޭރު ފައިސާ ހޯދަމުން ދިޔައީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބުގެ އިތުރުން މަޖިލިސް މެމްބަރުންނަށް ފައިސާ ބެހުމާއި ކަމާބެހޭ އިދާރާތަކުގެ މީހުންނަށް ރިޝްވަތު ދިނުމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ. 

ޔާމީން ފައިސާ ހޯއްދެވި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން އަދީބު ވިދާޅުވެފައިވަނީ އޭރު ރައީސް ޔާމީން ގެންދެވީ ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅު ދަށަށް ގެންނަވަން މަސައްކަތް ކުރައްވަމުން ކަމަށާއި އެކަމުގެ ތެރޭގައި ޔާމީންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްގެން އެކަންކަމަށް ފައިސާ ހަރަދުކުރެއްވިކަމަށެވެ.

ދަޢުވާކުރެވިފައި މައްސަލާގައި ކަން ހިނގާފައިވާ ގޮތް

މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު  ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރު އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައި ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނޯޓް: މަތީގައިވާ ވީޑިއޯއަކީ، ވ. އާރަށު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ. މި ވީޑިއޯގެ 2 ގަޑި އިރާއި 41 ވަނަ މިނެޓުން ފެށިގެން ފެންނާނީ އަދީބުގެ ހެކިބަހެވެ.

- ކޮމެންޓް