ކ. މާލެ
|
22 ސެޕްޓެންބަރ 2025 | ހޯމަ 18:56
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެއެމްވީ
އަޙުމަދު އަދީބު
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
ކުރީގެ ނައިބު ރައީސް އަދީބުގެ ފޯނު ޑޭޓާ ލީކްވުމުން، ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ސިއްރު މުޢާމަލާތްތައް ހާމަވެއްޖެ. 2014 ވަނަ އަހަރު އެއްކުރެވުނު 81،000 އަށްވުރެ ގިނަ މެސެޖްތައް ހިމެނޭ މި ރިޕޯޓުގައި، އަދީބު އެކި ފަރާތްތަކަށް ދެއްވި އެހީއާއި، ރަށްތައް ކުއްޔަށް ދިނުމާ ގުޅޭ މަޝްވަރާތަކުގެ ތަފްސީލްތައް ހިމެނޭ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުންކުރެއްވި ފޯނެއްގެ ޑޭޓާތަކެއް "އެކްސް" މެދުވެރިކޮށް މިވަނީ އާންމުކޮށްލައިފައެވެ. ޖުބްރާން ޝަރީފްގެ ނަމުގައި ހިންގާ އެކައުންޓަކުން އާންމުކޮށްލި މި މަޢުލޫމާތަކީ އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް' އިން 2015 ވަނަ އަހަރު އެއްކުރި މަޢުލޫމާތެއް ކަމަށް ބުނެއެވެ.

2،973 ސަފުހާގެ މި ރިޕޯޓުގައި 2014 ވަނަ އަހަރުގެ ފަހުކޮޅު އަދީބު އެކި ފަރާތްތަކާއެކު ކުރެއްވި ފޯނު ކޯލްތަކާއި، މެސެޖުތަކާއި އަދި އެހެނިހެން މުޢާމަލާތްތަކުގެ ތަފްސީލު ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 81،167 މެސެޖެވެ.

ލީކްވެފައިވާ މެސެޖުތަކުން ދައްކާގޮތުގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އަދި އާންމު ރައްޔިތުން ވަނީ އަދީބުގެ އަތުން އެހީތައް ހޯދާފައެވެ. މީގެ އިތުރުން، އަދީބާއި އެކި އަންހެނުންނާ ދެމެދު ހިނގާފައިވާ އަމިއްލަ މުޢާމަލާތްތައް ވެސް މިވަނީ ހާމަވެފައެވެ.

މިހާރުގެ ސަރުކާރުގެ އިސް ވެރިންނާއި ވަޒީރުންގެ އިތުރުން، ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުން، ފަނޑިޔާރުން، ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާ އަދީބާ ދެމެދު ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްސީލު މި ލީކްވި މަޢުލޫމާތުން ހާމަވެއެވެ. އަދި ބައެއް ނަންހިމެނޭ ވިޔަފާރިވެރިންނާއެކު ރަށްތައް ކުއްޔަށް ދިނުމާ ގުޅޭ މަޝްވަރާތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ރިޕޯޓުގެ މަޢުލޫމާތުތައް މީގެ ކުރިން ވެސް ވަނީ ވަކިވަކި ބައިތަކުގެ ގޮތުގައި ލީކްކުރެވިފައެވެ. ފާހަގަކޮށްލެވޭ ކަމަކީ މި މަޢުލޫމާތުތައް އާންމުވަމުން އައިސްފައިވަނީ ގިނަފަހަރު ސިޔާސީގޮތުން ޤައުމު ހަލަބޮލިވާ ދުވަސްވަރާ ދިމާކޮށް، ޚާއްޞަކޮށް ރިޔާސީ އަދި މަޖިލިސް އިންތިޚާބުތަކާ ދިމާކޮށެވެ.

މިފަހަރު މި މަޢުލޫމާތުތައް ހާމަވެފައިވަނީ މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ރިޕޯޓަކީ އަލްޖަޒީރާގެ "ސްޓީލިން ޕެރަޑައިޒް" ޑޮކިއުމެންޓްރީއާއި، އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ބޭނުންކޮށްފައިވާ މަޢުލޫމާތުތަކެކެވެ.

"ބްރޯ، ސައިކެއް ގަންނަންވެގެން 50،000 އެރޭންޖް ކޮށްދީބަ، ތޭންކްސް"

މިހާރުވެސް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރި މީހަކު 2014 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ހަވީރު އަދީބަށް ފޮނުވި މެސެޖެއް

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށް ބެލެވޭ އެމްއެމްޕީއާރްސީގެ މައްސަލައިގެ އެންމެ އިސް ދައުރެއް އަދާކުރި ކަމަށް އަމިއްލައަށް އިއުތިރާފުވި އަދީބަކީ މިއަދު މިނިވަން މީހެކެވެ. ސިންގަޕޫރުގައި ދިރިއުޅުއްވި ނަމަވެސް ރާއްޖެ ވަޑައިގެން އެންމެން މި އުޅޭހެން މިނިވަންކަމާ އެކު، ދިވެހީންގެ ހައްގުތައް ލިބިގެން އުޅެން އެއްވެސް ހުރަހެއް ނެތެވެ.

އަދީބުގެ ފޯނުން ފެންނަންހުރީ މިހެން ދެއްކޭ ވާހަކަތަކަށްވުރެ މާ ބޮޑެތި މާ ބިރުވެރި ނުރައްކާ ވާހަކަތަކެކެވެ. ދެއްކޭވަރަށް ވުރެ ލަދުވެތި ވާހަކަވެސް އެ ޑޭޓާއިން ހުރީ ފެންނާށެވެ. ކައިރީ މަސައްކަތް ކުރާ މުވައްޒަފުންނާއި އަދީބުގެ ގުޅުން ހުރި ނެތްގޮތްވެސް އެ ޗެޓްތަކުން ހާމަވެއެވެ.

މީގެ އިތުރުން ރާއްޖޭ ޓީވީ އާއި ބެހޭގޮތުން ދެކިވިފައިހުރި ވާހަކަތަކެއްވެސް އެ ޗެޓް ލޮގުން ހުރީ ފެންނާށެވެ. ރާއްޖެ ޓީވީ ރޯކޮށްލުމުގެ ޕްލޭންގެ ތެރޭގައި އިތުރު އެހެން ތަނެއް ވެސް ރޯކޮށްލަން ރޭވިފައިވާކަން ވަނީ ހާމަވެފަ އެވެ. ބެލެވޭ ގޮތުގައި އެއީ ގުރޫޕެއްގައި ދެކިވިފައި ހުރި ވާހަކަ ތަކެކެވެ.

ރާއްޖެ ޓިވީ ރޯކޮށްލުމުގެ ކުރިން އެހެން ތަނެއް އިނީ ރެޑީ ކޮށްފަ. ވަރަށް ސަޅި ޕްލޭން އެއް. ސްޕަރައިޒްޑް

2014 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު 18:57 ގައި މީހަކު ކޮށްފައިވާ މެސެޖެއް

އޭގެ އިތުރުން އެ ރިޕޯޓުން އެންމެ ބޮޑަށް ފެންވަރު އެނގުނީ މިއަދު ވެސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮށްފައިވާ މެސެޖުތަކުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ އެތައް މެންބަރަކު، އެކިއެކި އަދަދުތަކުން އެދިލައްވާފަައި ކުރެއްވި މެސެޖުތައް ފެންނަން އެބަހުއްޓެވެ. ހަދިޔާ ލިބުމުން "ތޭންކްސް ބްރޯ، ހަދިޔާ ލިބިއްޖެ" ކަމަށް ބުނެ ފޮނުވާފައި ވެސް އެތައް މެސެޖެކެވެ.

އަދީބުގެ ނުފޫޒު ނިމުމަކަށް އައީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވި، އުމުރަށް ޖަލަށްލެވުމުންނެވެ.

ރިޕޯޓުން ހާމަވާ ކަންކަމުގެ ތެރޭގައި، މިހާރުވެސް ދައުލަތުގެ މުހިންމު މަގާމުތަކުގައި ތިބި އެތައް ބައެއްގެ ނަން ހިމެނޭއިރު، މި މައްސަލަތައް ތަހުގީގުކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ގިނަ ފަރާތްތަކެއް އަދިވެސް އުޅެމުން ދަނީ މިނިވަން ކަމާއެކުއެވެ.

ރިޕޯޓް އާންމުވުމާ ގުޅިގެން ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު މެދުވެރިކޮށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކުގެ ހެއްކެކެވެ. ނަމަވެސް، މި މައްސަލައިގައި އިސްކޮށް އުޅުނު ގިނަ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

މިހާރު އަދީބު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. އަދި މި މައްސަލައިގައި ޝާމިލްވާ އެސްއޯއެފްގެ އިސްވެރިން ވެސް މިވަގުތު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ.

- ކޮމެންޓް