އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި ދުސިތު ތާނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އަމިއްލަފުށިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މުބާރާތުގައި މިއީ އަމިއްލަފުށިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ވަކަރު މޯލްޑިވްސްގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ދުސިތު ތާނީގެ މައްޗަށް ކުރި ހޯދާފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު އަމިއްލަފުށިން ކާމިޔާބުކުރީ 25-18 އިންނެވެ. ނަމަވެސް ދުސިތު ތާނީ ވަނީ ވަނީ ޖެހިގެން އައި ދެވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. ސެޓުގެ ގޮތުން އެއްވަރުވެ އޮވެ، ދެ ޓީމު ތިންވަނަ ސެޓަށް ނުކުތްއިރު މި ސެޓުގައި ރަނގަޅު ކުޅުމެއް ދެއްކީ އަމިއްލަފުށިންނެވެ. އެ ޓީމުން ވަނީ 25-15 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އެ ރޫހުގައި ނުކުމެ އަމިއްލަފުށިން ވަނީ ހަތަރުވަނަ ސެޓު 25-19 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމިއްލަފުށީގެ އަޙުމަދު އަޒީމްއެވެ.
މި ޒޯންގެ ދެވަނަ މެޗުގައި ވާދަކުރީ އަނަންތަރަ ކިހާވަކާއި ސޮނެވާ ފުއްޓެވެ. އެ މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ އަނަންތަރައެވެ.
މި ޒޯންގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން އަމިއްލަފުށި އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އަނަންތަރަ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ދެން މި ޒޯންގައި ހިމެނޭ ދުސިތު ތާނީ، ސޮނެވާފުށި އަދި ވަކަރު މޯލްޑިވްސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.