މިހާރު ކުރިއަށްދާ އިންޓަރ ރިސޯޓު ވޮލީ މުބާރާތުގެ ޒޯން ހައެއްގެ ސީދާ ފައިނަލްގެ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފިއެވެ.
ޖޯލި މޯލްޑިވްސް އިން ފައިނަލްގެ ޖާގަ ޔަގީން ކުރީ ފަހު މެޗުގައި ޖޯލި ބީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ލިބިފައިވަނީ ތިން މެޗުން ނުވަ ޕޮއިންޓެވެ. އެހެންކަމުން ސީދާ ފައިނަލްގެ ޖާގަ ލިބެން އޮތީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗުގައި ޖޯލި ބީން އިން ފުރަތަމަ ސެޓު ހޯދާފައި ވަނިކޮށް، ޖޯލި މޯލްޑިވްސް އިން ވަނީ ފަހަތުން އަރައި ތިން ސެޓު ހޯދާފައެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ސެޓު ޖޯލި ބީން އިން ހޯދީ 25-20 އިންނެވެ. ނަމަވެސް ޖޯލި މޯލްޑިވްސް އިން ވަނީ 25-19 އިން ދެ ވަނަ ސެޓު ހޯދާ، ސެޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެނުނީ ވާދަވެރިކޮށެވެ. މި ސެޓުގެ ނިމުން ވަނީ 31 އަށް ދިގު ދެމިފައެވެ. ފޯރި ގަދަ ކުޅުމަކަށްފަހު ޖޯލި މޯލްޑިވްސް އިން މި ސެޓު ގެންދިޔައީ 31-29 އިންނެވެ. ޖޯލި މޯލްޑިވްސް އިން ހަތަރު ވަނަ ސެޓު ހޯދީ 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އަކްރަމް އަބްދުﷲ އެވެ.
ޖޯލި މޯލްޑިވްސް ފައިނަލަށް ދަތުރުކުރިއިރު، ޖޯލި ބީން ޖެހޭނީ ޕްލޭ އޮފް މެޗު ކުޅޭށެވެ. ޕްލޭ އޮފްގައި ޖޯލި ބީންއާ ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ ހޯމަ ދުވަހުގެ މެޗަށްފަހުއެވެ.
މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.