ވ.އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކަކު ހުށަހަޅާފައިވާއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް އަދި ފަހުން ނާއިބްރައިސްގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އަހުމަދު އަދީބު ހެކިބަސްދެއްވަމުން ވ.އާރަށުގެ މުޢާމަލާތާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔާދެއްވާފައެވެ.
ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ އާރަށަށް އިންވެސްޓު ކުރާނެ ބަޔަކު އެބަތިބި ކަމަށާއި އެރަށް ލިބިއްޖެއްޔާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތު ބުނި ކަމަށެވެ. އޭރު އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށް ވާތީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އޭރު ބުނެފައިވާނެ ކަމަށެވެ.
އަދީބު ހެކިބަސްދެއްވަމުން ވިދާޅުވެފައިވަނީ ވ.އާރަށާއި ގުޅޭގޮތުން ޔާމީން އޭނާއަށް ގުޅުއްވި ކަމަށާއި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް ޔާމީން ފޮނުއްވި ކަމަށާއި އެހެންވެ، އެގޮތަށް އެ ކައުންސިލުން ނިންމި ކަމަށެވެ.
އަދި ޔާމީން އަދީބަށް ފޯނުން ގުޅުއްވާ ޔޫސުފް ނައީމަށް އެ ރަށް ބަދަލު ކުރަން ބުނިކަމަށާއި އެރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީވެސް ޔޫސުފް ނައީމް އެރަށް ބޭނުންވާތީ ބުނެގެން ކަމަށްވެސް ޔާމީން ވިދާޅުވިކަމަށް އަދީބު ވިދާޅުވެފައިވެއެވެ.
ޓޫރިޒަމް ޤާނޫނުގައިވާގޮތުން ޓުރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާއެވެ. އެހެން ބޭނުމަކަށް ކަނޑައަޅާފައިވާ ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭނީ ރައީސުލްޖުމުހޫރިއްޔާ އެރަށެއް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ. އާންމު އުޞޫލަކުން މި ކަން ކުރުމަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް ވ.އާރަށުގެ މުއާމަލާތް ހިންގުމަށް މިހުރިހާކަމެއް ކޮށްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. އަދި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަކީ އެދުވަސްވަރު ވަރަށް ގާތްގުޅުމެއް އޮތް ދެފަރާތްކަންވެސް ފާހަގަކުރެވިފައިވެއެވެ.
ދަޢުވާކުރެވިފައި މައްސަލާގައި ކަންހިނގާފައިވާ ގޮތް
މިމައްސަލައިގައި ދަޢުވާކުރަމުން ޝަރީއަތުގައި ދައުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރު އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކު ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.
ނޯޓް: މަތީގައިވާ ވީޑިއޯ އަކީ، ވ. އާރަށު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ. މި ވީޑިއޯގެ 2 ގަޑި އިރާއި 41 ވަނަ މިނެޓުން ފެށިގެން ފެންނާނީ އަދީބުގެ ހެކިބަހެވެ.