ލާމަރުކަޒު ކުރުމުގެ ގޮތުން ދެމުން އަންނަ ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ގާތްގަނޑަކަށް %40 ކައުންސިލްތަކަށް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ރައީސް ޢަލީ ނިޔާޒު ވިދާޅުވިއެވެ.
ރާއްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޔާޒް ވަނީ ފަނޯއްލަ މަހާސިންތާގައި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އެންމެ އެކަށީގެންވާ ފައިދާ ނުލިބޭކަމުގެ ޝަކުވާ ކައުންސިލްތަކުން ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ. ގާތްގަނޑަކަށް 60% އަށް ވުރެ ގިނަ ކައުންސިލްތަކަށް މިހާރު ވެސް އެ ގްރާންޓުގެ ފައިދާ ލިބުނު ނަމަވެސް ގްރާންޓު ދޭ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ބައެއް ކައުންސިލްތަކުން ގްރާންޓުގެ ނިސްބަތަށް ބަދަލު ގެންނަން ހުށަހެޅި ނަމަވެސް އެއީ އެންމެ އެކަށީގެންވާ އުސޫލު ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ބްލޮކް ގްރާންޓު ދޭން ފެށުމަކީ އެ ކައުންސިލްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވާ ނިޔާޒް ވަނީ އެ ނިޒާމް ހިންގަން ފެށުމާއި އެކު ގްރާންޓު ދިނުމުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރިކަން ނިޔާޒް ފާހަގަުރެއްވިއެވެ.
ބައެއް ކައުންސިލްތަކަށް ހީވަނީ އެ އަދަދު ބަދަލު ކުރީމަ ރަނގަޅުވެދާނެއޭ. ސީދާ އަދަދެއް ނޫން. އެހެންނަމަވެސް ގާތްގަނޑަކަށް 60% ކައުންސިލްތަކަށް މިހާރު ދޭ ގްރާންޓުން ފުދޭ. ދެން އަޅުގަނޑުމެންނަށް ބަޖެޓް ކުރެވިދާނެ ވަކި ކަމަކަށް ކޮންޑިޝަންކޮށްފައި. މި ކަމަށް ހައްލު ހޯދާދޭނަން އަޅުގަނޑުމެން.މެމްބަރު ނިޔާޒް
ނިޔާޒް ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި މި ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން ފާހަގަކުރައްވާފައެވެ.
ލ އަތޮޅުގައި ކުރިޔަށްދާ ފަނޯއްލަ ދަރުބާރުގައި ޖުމުލަ 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިން ހިމެނެއެވެ.