ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 13:51
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުން
ރާއްޖެއަށް ލިބޭ އާމްދަނީއަކުން ފައިނޭންސް މެނޭޖުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ – އަމީރު
ރާއްޖޭގެ ޑެފިސިޓް ފޫބައްދަން ބޭރަށްގޮސް މާކެޓްގައި ފައިނޭންސް ރެއިސްކުރުމަށްޓަކައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި
މުދަލާއި ހިދުމަތުގެ އަގުން މި ނެގޭ ޓެކްސްއިން ވެސް ރައްޔިތުންނަށް ބޮޑަށް އަސަރުނުކުރާނެ ގޮތަކަށް މަސައްކަތް ކުރަނީ

ރާއްޖެއަށް ލިބޭ އާމްދަނީއަކުން ފައިނޭންސް މެނޭޖްކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމަވާފައިވަނީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކާއެކު އެކްސްޓެންސިވް ޑިސްކަޝަންތަކަށް ގޮސްގެން ނިންމުންތަކެއް ނިންމަވާފައިވާ ކަމަށާއި، ޚާއްސަކޮށް ބޭރުގެ ފަރާތްތައް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ވޯލްޑް ބޭންކް އަދި އެހެނިހެން ފަރާތްތަކާއި ވާހަކަ ދައްކަވާ އަދި އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާއި ވެސް ވާހަކަދެއްކެވުމަށްފަހު ޓެކްސް ބޮޑުކުރަން ނިންމެވީ ކަމަށެވެ.

މުޅި ދުނިޔޭގެ އިގްތިސާދު މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި. ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ބަލާލާއިރު ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިގްތިސާދީ ބޮޑު ކްރައިސިސްއަކާއި ދިމާލަށްދާތަން. އެމެރިކާގައި ވެސް މި ފެންނަނީ ތަކެތީގެ އަގު ބޮޑުވެގެންދާތަން. ހާއްސަކޮށް ތެލުގެ އަގު ބޮޑުވެގެން ދިއުމާއި ގުޅިގެން. އެހެންވީމަ އިންފްލޭޝަނަރީ ޕްރެޝަރސްތައް، އަދި ތަކެތީގެ އަގު މަތިވެގެންދިއުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުތަކުން ވެސް އިންޓްރެސްޓް ރޭޓް ވެސް ބޮޑުކުރަމުން އެބަގެންދޭ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޑެފިސިޓް ފޫބައްދަން ބޭރަށްގޮސް މާކެޓްގައި ފައިނޭންސް ރެއިސްކުރުމަށްޓަކައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ލިބޭ އާމްދަނީއަކުން ފައިނޭންސް މެނޭޖްކުރެވޭނެ ގޮތެތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކާއި ވެސް ވާހަކަ ދައްކައިގެން ފަތުރުވެރިކަމަށް ވެސް އަދި ޖެނެރަލް ސެކްޓަރުގައި ވެސް މުދަލާއި ހިދުމަތުގެ އަގުން މި ނެގޭ ޓެކްސްއިން ވެސް ރައްޔިތުންނަށް ބޮޑަށް އަސަރުނުކުރާނެ ގޮތަކަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ޖީއެސްޓީ ބޮޑުކުރީމަ 100 ރުފިޔާ މިހާރު ހަރަދުކުރީމަ 6 އިންސައްތަ ޖީއެސްޓީ މި ދައްކަނީ 6 ރުފިޔާ. އަދި 8 އިންސައްތައަށް ބޮޑުކުރުމުން 100 ރުފިޔާއަށް އިތުރުވެގެން މިދަނީ އިތުރު 2 ރުފިޔާ. 1000 ރުފިޔާ ހަރަދުކުރާނަމަ ވެސް 60 ރުފިޔާއިން 80 ރުފިޔާއަށް އިތުރުވެގެން މިދަނީ. ކޮންމެވެސް ވަރަކަށް ތަކެތީގެ އަގުބޮޑުވެގެންދާނެ. ރާއްޖޭގެ އިންފްލޭޝަނަރީ ޕްރެޝަރސްތައް މި ހުންނަނީ ބޭރުގެ ތެލުގެ އަގުބޮޑުވުމުންނާއި، ކާބޯތަކެތީގެ އަގުބޮޑުވުމުން. އަދި މިތަކެތި އިމްޕޯޓްކުރަން ޖެހުމުން އިންފްލޭޝަނަރީ ޕްރެޝަރތަކެއް މި ހުންނަނީ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް ޖީއެސްޓީ ބޮޑުކޮށްގެން އިންފްލޭޝަނަށް އަންނަ ޕްރެޝަރުތައް މެނޭޖުކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއްވެސް ޓެކްސްއެއް ބޮޑުކުރުމަކީ އެންމެންގެ 100 އިންސައްތަ އެއްބަސްވާނެކަމެއް ނޫން ކަމަށެވެ.

ޖީއެސްޓީ ބޮޑުކުރަން ސަރުކާރަކުން މަސައްކަތް ކުރިނަމަވެސް ޓީޖީއެސްޓީ ބޮޑުކުރަން މަސައްކަތް ކުރިނަމަވެސް. އަޅުގަނޑުމެންނަށް ވެސް އެބަ އިނގޭ ހުރި ގޮންޖެހުންތައް. ދުނިޔޭގެ ގައުމުތަކުގައި ހުރި އިގްތިސާދީ ދަތިތަކަށް ބަލާލާއިރު، ލިބޭ އާމްދަނީން ހަރަދުތައް ފޫބެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރަންއެބަޖެހޭ. ބޭރުގެ ފަރާތްތަކުން ފައިނޭންސް ރެއިސް ކުރުމަށްޓަކައި ދަތިތަކެއް އެބަހުރި
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ސަރުކާރަށް އާމްދަނީ އިތުރުކޮށްގެން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް ކުރިއަށްގެންދާ ކަމަށެވެ. އެއީ މަގު ހެދުންކަމުގައިވީ ނަމަވެސް، ބަނދަރު ހެދުންކަމުގައިވީ ނަމަވެސް އަދި ފެނާއި ނަރުދަމާ ކަމުގައިވީ ނަމެވެސް އެކަން ކުރަނީ އެހެން ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުގައި ތަކެތީގެ އަގުބޮޑުވަމުންދާ ދަނޑިވަޅެއްގައި ޖީއެސްޓީގެ ރޭޓް މަތިކުރާއިރު ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި، އެ ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގޮންޖެހުންތައް މެނޭޖުކުރެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

- ކޮމެންޓް