ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިންގަޕޫރުގެ ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ޑެސްމަން ޓާންއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ހުންނެވީ ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގައެވެ.
ބުރާސްފަތި ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ރާއްޖެއާ ސިންގަޕޫރާ ދެމެދު އޮތް ގުޅުމާއި، ކުރިމަގުގައި އިތުރަށް ގުޅުންބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ގައުމުން އިސްކަންދޭ ބައެއް ދާއިރާތައްކަމުގައިވާ; އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއާއި، އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ އެކިއެކި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގައުމުގެ ފަރުދުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "ސަސްޓެނިއަރ އެގްރިކަލްޗަރ"ގެ ދަށުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ތަނަށް ޒިޔާރަތްކުރައްވައި، ކާރބަން ފުޓްޕްރިންޓް ވީހާވެސް މަދުކުރެވޭގޮތަށް، އަދި ރައްޔިތުންނަށް އެންމެ ބޮޑަށް އޭގެ ބޭނުންހިފޭގޮތަށް ސިންގަޕޫރުގެ ބައެއް އުސް އިމާރާތްތަކުގައި "ސްމާރޓް ވަރޓިކަލް ފާރމް" ބޭނުން ކޮންގެން ދަނޑުވެރިކަން ކުރަމުންދާގޮތުގެ މަައުލޫމާތު އޮޅުންފިލުއްވައި، އެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ބައްލަވާލައްވާފައެވެ.