އަރންސްޓް އެންޑް ޔަންގް އިން، ސީޑީއީ ކޮންސަލްޓިންގް، ވޯރލްޑް ބޭންކް ގްރޫޕް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން، އިލެކްޓްރިކް ވެހިކަލާބެހޭ ކޮންސިއުމަރ ޕްރިފަރަންސް ސަރވޭއެއް ހުޅުވާލައިފިއެވެ.
މި ސަރވޭގައި، ވެހިކަލްގެ މިލްކުވެރިކަމާއި، ވެރިފަރާތް އުޅޭ ތަން، ޖިންސު، ދަތުރުކުރާ ދުރުމިން، އިލެކްޓްރިކް ވެހިކަލް ގަތުމާއި ޗާޖުކުރުމުގައި އިޚްތިޔާރުކުރާ ކަންކަން، އަދި އާންމު ގޮތެއްގައި މައިކްރޯ-މޮބިލިޓީއާމެދު ހޭލުންތެރިކަން އޮތް މިންވަރު ދެނެގަތުމަށް ކުރެވޭ ސުވާލުތައް ހިމެނޭނެއެވެ. މި ސަރވޭގައި ބައިވެރިވާ ފަރާތްތައް ޖަވާބުދެނީ ކޮން ފަރާތެއްކަން ނޭނގޭގޮތަށެވެ. މިސަރވޭގައި އެއްކުރެވޭ މައުލޫމާތުތައް، އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުވުމަށާއި، ބަދަލުވުމުގައި ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށާއި، މިކަމުގެ ސަބަބުން ވަކިވަކި ރަށްރަށުގެ ކަރަންޓު ގްރިޑަށް ކުރާނެ އަސަރު ދެނެގަތުމާއި އަދި މިކަންތައްތައް ފަހިކޮށްދިނުމަށް އެކްޝަން ޕްލޭނެއް ހެދުމަށް ބޭނުންކުރެވޭނެއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދިވެހި ސަރުކާރުން ވަނީ ޕެރިސް އެގްރިމެންޓްގެ ދަށުން "ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ)" އަޕްޑޭޓް ކޮށްފައެވެ. މިގޮތުން ދިވެހިރާއްޖެއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ވައިގެ ޒަރީއާއިން ޖައްވަށް އެކިއެކި މާއްދާތައް ބޭރުކުރާ މިންވަރު 26 އިންސައްތަ ދަށްކުރުމަށާއި، އަދި ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީއާއެކު 'ނެޓް ޒީރޯ އެމިޝަންސް'އަށް ވާސިލްވުމަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާފައެވެ. ޔޫ.އެން.އެސް.ޑީ އެނަރޖީ ބެލެންސް ޑާޓާބޭސްއަށް ބަލާއިރު، މަގުމަތީގެ ދަތުރުފަތުރުތަކަށް 2019 ވަނަ އަހަރު ވަނީ ދުނިޔޭގެ ހަކަތައިގެ 30 އިންސައްތަ ބޭނުންކުރެވިފައެވެ. މިއީ ކަރަންޓު އުފެއްދުމަށް ބޭނުންކުރި ހަކަތައަށްފަހު (34 އިންސައްތަ) ދެވަނައަށް އެންމެ ހަކަތަ ބޭނުންކުރި ސިނާއަތެވެ.
އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ފެށުމާއި، އިއާދަކުރުވަނިވި ހަކަތައިން އުޅަނދުތައް ޗާރޖުކުރަންފެށުމަކީ، މަގުމަތީގެ ދަތުރުފަތުރުތަކުންނާއި ކަރަންޓު އުފެއްދުމުގެ ސިނާއަތުންވެސް ވައިގެ ޒަރީއާއިން ޖައްވަށް އެކިއެކި މާއްދާތައް ބޭރުވާ މިންވަރު މަދުކުރުމަށް އެންމެ ރަނގަޅު މަގެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ވޯރލްޑް ބޭންކާ ގުޅިގެން، ކަމާބެހޭ އެކި ފަރާތްތަކާއެކު މި ކަންތައްތަކަށް މަގުފަހިކޮށްދިނުމަށް ދަނީ ދިރާސާކޮށް މަސައްކަތްކުރަމުންނެވެ.
ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ 1.31 ލައްކައެއްހާ އެއްގަމު އުޅަނދުގެ ތެރެއިން ކަރަންޓު ބޭނުންކޮށްގެން ދުއްވަނީ އެންމެ 4 އިންސައްތަ އުޅަނދެވެ. މީގެ ތެރެއިންވެސް އާންމުކޮށް ހުންނަނީ ތިން ފުރޮޅުލީ އުޅަނދާއި އީ-ބައިސްކަލެވެ. އިލެކްޓްރިކް ވެހިކަލްގެ ތެރޭގައި ހިމެނޭ ދެފުރޮޅުލީ ސައިކަލުގެ (>50cc ކެޓެގަރީގެ) ހިއްސާއަކީ 80 އިންސައްތަ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިލެކްޓްރިކް ވެހިކަލަށް ބަދަލުކުރުމަށް އޮތް ފުރުސަތު ބޮޑެވެ. ރާއްޖެއަށް އެތެރެކުރާ އިލެކްޓްރިކް ނޫން އުޅަނދުފަހަރާ އަޅައިބަލާއިރު، އިލެކްޓްރިކް ސައިކަލާއި ކާރަށް ކަސްޓަމްސް އިމްޕޯޓު ޑިއުޓީން 150 އިންސައްތައިގެ ލުޔެއް ލިބުނުކަމުގައި ވިޔަސް، މާލެ، ހުޅުމާލެ އަދި އައްޑޫފަދަ ބޮޑެތި ރަށްރަށުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަމުންދާ މިންވަރު ވަރަށް ކުޑައެވެ.
މާލޭގައި ކާރާއި ސައިކަލު ބޭނުންކުރާ ފަރާތްތަކަށް އިލެކްޓްރިކް ވެހިކަލް ބޭނުންކުރުމުގައި ތަފާތު ދަތިތަކާ ކުރިމަތިވެއެވެ. މިގޮތުން ޕާކްކުރުމުގައި ދިމާވާ ދަތިކަމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން އާންމުގޮތެއްގައި ވެހިކަލް ޕާކްކޮށްފައި ހުންނަނީ ޕޭވްމެންޓާ ޖެހިގެން މަގުމަތީގައެވެ. މިގޮތަށް ޕާކްކުރަންޖެހެނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ޕާކްކުރާނެ ޖާގަ ނެތުމުގެސަބަބުންނެވެ. މީގެ އިތުރުން، އިލެކްޓްރިކް ވެހިކަލް ޗާރޖްކުރުމުގެ އިންތިޒާމު، ޕާކްކުރާ ސަރަޙައްދުތަކުގައި ނެތުމަކީ އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ފެށުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި، ޕާކްކުރާ ސަރަހައްދުތަކުގައި ޗާޖުކުރެވޭނެ ފަދަ ގޮތްތަކެއް އީޖާދުކުރެވެންޖެހެއެވެ.
މިކަން ކުރުމަށް އަރބަން ޕްލޭނިންގެ މާހިރުންނާއި، އާރކިޓެކްޓުންނާއި, އިލެކްޓްރިކް ވެހިކަލް އަދި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމާބެހޭ މާހިރުންނާއި އަދި ކަމާބެހޭ އިތުރު ފަރާތްތަކާއި މަޝްވަރާކޮށް ސްޕޭޝިއަލް ޕްލޭނެއް (އެންމެ އެކަށޭނަ އަދަދާއި ތަން ހިމެނޭގޮތަށް) އެކުލަވާލަން ޖެހިފައިވެއެވެ. ތެޔޮ ބޭނުންކުރާ ވެހިކަލްތަކާ އަޅައިބަލާއިރު އިލެކްޓްރިކް ވެހިކަލްތަކުގެ އެތައް ފައިދާއެއް ހުރެއެވެ. މީގެ ތެރޭގައ ޖުމްލަ ޚަރަދު ކުޑަވުމާއި، އަޑު މަޑުވުމާއި، ވައި ތަޣައްޔަރުވުން ކުޑަވުމާއި، ޓެއިލް ޕައިޕުން ވިހަ ދުން ބޭރުނުވުމާއި، ޕާކްކުރާ ސަރަހައްދުތަކުގައި ފަސޭހަކަމާއެކު ޗާޖްކުރެވުން ހިމެނެއެވެ.
ތިރީގައިވާ ލިންކް ބޭނުން ކޮށްގެން މި ސަރވޭގައި ބައިވެރިވެވޭނެއެވެ.
ދިވެހި ބަހުން ސަރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ:https://forms.gle/xL64GmJkfmux8S1V6
އިނގިރޭސި ބަހުން ސަރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ:https://forms.gle/ob5K31BYDzgdhWoUA