ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބި މީހުންގެ އަދަދު އެމީހުންނަށް ކަނޑައަޅާފައިވާ ޖާގައަށްވުރެ އިތުރުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމިޝަނަރު ވިދާޅުވީ މިހާތަނަށް އައިއިރު ކަރެކްޝަންސްގެ ދަށުން ބަލަހައްޓާ ޖަލުތަކަށް އިސްލާހީ ބައެއް ބަދަލުތައް ގެނެވިފައިވާކަމަށެވެ. އެހެންނަމަވެސް ހައްލު ހޯދަންޖެހޭ ގިނަ މައްސަލަތައް އަދިވެސް އެބަހުރިކަން ފާހަގަކުރައްވާ ކޮމިޝަނަރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ކަރެކްޝަންސްގެ ތިން ޖަލެއްގައި މިހާރުވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި މިއީ ރިމާންޑު މީހުންނަށް ކަނޑައަޅާފައިވާ ޖާގައަށްވުރެ އިތުރު އަދަދެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ އިތުރު ބަންދު މީހުން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ވަނީ ފާހަގަކުރައްވާފައެވެ.
މިކަމުގެ ސަބަބުން އެމީހުންނަށް ބޭނުންވާ އަސާސީ ކަންކަން ހަމަޖެއްސުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވަމުންދޭ.ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ޖަލުތަކާމެދު ދިވެހިންގެ ހިތުގައި އުފެދިފައިވާ ކިލަނބު ތަޞައްވަރު ދިރާސާ ކުރުމުގެ ފުރިހަމަ ތަޞައްވުރަކާއެކުގައެވެ. ސަރުކާރުގެ މިހާތަނަށް އައިއިރު ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއް ހެދުން ފާހަގަކޮށްލެވެއެވެ. އަދި އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރަމުންގޮސް މިހާތަނަށް އައިއިރު ވަނީ މިފަދަ ގިނަ ކަންކަމެއް އިސްލާހުކޮށްފައެވެ.