ޖަލު އޮފިސަރުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްއިން ވޭތުވެދިޔަ 3 އަހަރު 56 މައްސަލައެއް ތަހުގީގުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ މުޅި މުއައްސަސާގެ މަސައްކަތްތައް ތަރުތީބުކޮށް ނަތީޖާ ނެރުމުގައި އެންމެ މުހިންމު މަސައްކަތްތަކެއް ކުރަނީ މުވައްޒަފުންކަމަށެވެ. ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރާ މަސައްކަތުގައި ކޮންމެ އޮފިސަރަކު އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށާއި، އެކަންކަން ގާތުން ބަލައި ވިލަރެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޖަލު އޮފިސަރުން އެމީހުންގެ ޒިންމާ އަދާކޮށް ފަރުވާތެރިވާ މިންވަރު ބެލުމަށް، ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގެ ނަމުގައި ޚާއްސަ ޑިވިޝަނެއް އުފައްދާފައިވާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. މި ޑިވިޝަންގެ ދަށުން ފާއިތުވި 3 އަހަރު މުޅި ޖުމްލަ 56 މައްސަލައެއް ބަލާފައިވާއިރު، ޑިސިޕްލިން ނިޒާމުގެ ތެރެއިން 61 މުވައްޒަފަކާއި މެދު އިސްލާހީ ފިޔަވަޅު އަޅާފައިވާކަމަށް ކޮމިޝަނަރު އަހުމަދު ވިދާޅުވިއެވެ. އަދި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯއާއި، ޒިންމާދާރުކަމާއެކު އެހާލަތަށް ބޭނުންވާ މިންވަރަށްތޯ ކަށަވަރުކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް ކޮމިޝަނަރު އަހުމަދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ޖަލު އޮފިސަރުންނަށް ވަޒީފާގައި ކުރިއަށްދެވޭނެކަމުގެ ޔަގީންކަން އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ. 2015 ވަނަ އަހަރަށްފަހު ޖަލު އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފައިނުވާކަމަށާއި، ޕްރޮމޯޝަން ނުލިބި ދިގުލައިގެން ގޮސް، 2019 ވަނަ އަހަރު 263 އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފައިވާކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ދާން ބޭނުންވާ މިސްރާބަށް ދިއުމަށް މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމުގައިވާތީ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް އަމާޒުކޮށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށެވެ. އޭގެ ތެރޭގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީސްގެ ފަރާތުން ޑިޕްލޮމާ އިން ޕެރިޝަބަލް މެނޭޖްމަންޓާއި، ބޭސިކް ރެކްރޫޓްމަންޓުގެ އިތުރުން މުވައްޒަފުންނަށް އަމާޒުކޮށް 72 ތަމްރީނު ޕްރޮގްރާމެއް ހިންގިފައިވާކަމަށް ކޮމިޝަނަރު އަހުމަދު ވިދާޅުވިއެވެ. މި ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ލިބި، އިތުރަށް މަސައްކަތަށް އަހުލުވެރިކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.