އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ލިޒް ޓްރަސް ހޮވިވަޑައިގެންފިއެވެ. އެއާއެކު ބޮޑުވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނީ ޓްރަސް އެވެ.
ބޮޑުވަޒީރު ކަމަށް ލިޒް ޓްރަސްއާ ވާދަކުރެއްވީ އެޤައުމުގެ ކުރީގެ ފައިނޭންސް މިނިސްޓަރު ރިޝީ ސުނަކް އެވެ. ހަފްތާތަކަށް ދެމިގެން ދިޔަ ވާދަވެރި ކެމްޕެއިނަކަށް ފަހު އެންމެ ފަހުގެ ނަތީޖާ އިއުލާންކޮށްފައި ވަނީ ހޯމަ ދުވަހު ރާއްޖެ ގަޑިން 4:35 އެހާއިރު އެވެ.
ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ، ގައުމަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާނެ ކަމަށް ލިޒް ޓްރަސް ވިދާޅުވެފައި ވެއެވެ. މިގޮތުން ރިސެޝަން އާއި ބާރަށް މައްޗަށް އަރަމުންދާ އިންފްލޭޝަންގެ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަގުބޮޑުވަމުން ދާ އެނަރޖީ ބިލްގެ މައްސަލަ ހައްކުރެއްވުމަށާއި އަންނަން އޮތް ދުވަސްތަކަށް ފިއުލް ސަޕްލައި ޔަގީން ކުރެއްވުމަށް ހަފްތާއެއްހާ ދުވަހުގެ ތެރޭ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އައު ބޮޑުވަޒީރު ކަނޑައެޅުމަށް ވޯޓު ދީފައިވަނީ ޕާޓީގެ 160 ހާހެއްހާ މެމްބަރުންނެވެ. އެއާއެކު މިހާރު ހުންނެވި ބޮރިސް ޖޯންސަން އަންގާރަ ދުވަހު އިނގިރޭސި ރާނީގެ އަރިހަށް ވަޑައިގެން ރަސްމީކޮށް އިސްތިއުފާ ހުށަހަޅުއްވާނެއެވެ. އަދި ލިޒް ޓްރަސް މަގަމާއި ހަވާލުވެވަޑައިގަންނަވާނެ އެވެ.
އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް ހުންނެވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުގެ މަޤާމުގައެވެ.
ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރު ހޮވުމަށް ޕާޓީގެ މެމްބަރުގެ މެދުގައި ނެގި ވޯޓު ލިޒް ޓްރަސް ކާމިޔާބު ކުރެއްވީ ވޯޓުގެ 57 އިންސައްތަ އިންނެވެ. އޭނާއާއި ވާދަ ކުރެއްވި ރިޝީ ސުނަކް އަށް ލިބިވަޑައިގެންނެވީ 43 އިންސައްތަ ވޯޓެވެ.
ލިޒް ޓަރަސް ވެގެން ދާނީ އިނގިރޭސި ވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރަށެވެ.