ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 11:49
ޕާކިސްތާނުގެ ބާޒާރެއްގެ ތެރެއިން
ޕާކިސްތާނުގެ ބާޒާރެއްގެ ތެރެއިން
އޭ.އެން.އައި
ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ
ކާބޯތަކެތީގެ އަގާއި ތެލުގެ އަގު އުފުލި ޕާކިސްތާނުގައި އިހުތިޖާޖު ފަށައިފާނެ: ރިޕޯޓް
އިންފްލޭޝަން ރޭޓު ވަނީ 27 އިންސައްތަ މަތިވެފައި
ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އާންމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ބިރު އެބައޮތް

ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި ޕާކިސްތާނުގައި އާންމުން އިހުތިޖާޖުކުރާ ހާލަތައް ގޮސްފާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްއިން އާންމުކުރި ރިޕޯޓުގައި ބުނީ ޕާކިސްތާނުގައި ކާބޯތަކެއްޗާއި ތެލުގެ އަގު ދުވަހެއް ދުވަހަކަށް މަތިވަމުން އަންނަ ކަމަށާއި، އަދި މިއީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ޕާކިސްތާނުގައި އެންމެ ބޮޑަށް އިންފްލޭޝަން މަތިވެފައިވާ ދުވަސްވަރު ކަމަށެވެ.

ކާބޯތަކެއްޗާއި ތެލަކީ އާންމުންގެ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ބޭނުމެއް ކަމަށާއި ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެ ކަމުގައިވަނީނަމަ އާންމުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ބިރުވެރިކަން އޮތް ކަމަށްވެސް އައިއެމްއެފްއިން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އިންފްލޭޝަން ރޭޓު ވަނީ 27 އިންސައްތަ މަތިވެފައެވެ. މިއީ 1975 ގެ ފަހުން އިންފްލޭޝަން ރޭޓު މިހާމަތިވި ފުރަތަމަ ފަހަރެވެ. އަދި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެންވެސް ތަކެތީގެ އަގު މަތިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އައިއެމްއެފްއިން ބުނީ ޕާކިސްތާނުގައި ތަކެތީގެ އަގު ވަކިން ހާއްސަކޮށް ތެލުގެ އަގު އުފުލުނީ ޔޫކްރެއިން ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އައިއެމްއެފްއިން ބުނީ ޕާކިސްތާނުގައި އިންފްލޭޝަން ރޭޓު ދަށްކުރުމަށް އެގައުމުގެ ސަރުކާރުން މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެހެން ނޫންކަމަށްވަނީ ނަމަ އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުއޮތް ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް