ވިލިގިލި ނުވަތަ މިހާރު އެންމެން ދަންނަ ގޮތުން ނަމަ ވިލިމާލެ އަކީ ގްރޭޓަރ މާލޭ ސަރަހައްދުން ފެހި ކަމާއި، ޖަޒީރާވަންތަ ދިރިއުޅުން އެންމެ ރަނގަޅަށް ސިފަކޮށްދޭ ހިސާބެވެ. ތިމާވެށްޓާއި ރައްޓެހި ރައްޔިތަކު ދިރިއުޅެމުން އަންނަ ވިލިގިލީގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށް، ދުއްވާ އެއްޗެހީގެ އަދަދު ކޮންޓްރޯލްކޮށްފައި އޮތީ އެ ރަށުގެ ގުދުރަތީ ހިތްފަސޭހަކަން ޤާއިމްކޮށްފައި ބޭއްވުމުގެ މަޤްސަދުގައެވެ. ވިލިގިލި ފެހި ތަނެއްގެ ގޮތުގައި ބޭއްވުމުގެ އުންމީދުގައެވެ. ގުދުރަތީ އާރޯކަމާއި ޗާލޫކަން މި ސިޓީ އިން ފެނުނު ނަމަވެސް، ޚިދުމަތްތަކުގެ ތަރަހައިގައި ވިލިގިލީ އޮތީ އެތައް ދަރަޖައެއް ފަހަތުގައެވެ. ގްރޭޓަރ މާލޭ އޭރިއާގެ ބަޔަކަށް ވީ ނަމަވެސް މި ސިޓީގެ އާއްމުންނަށް، މި ސަރަހައްދުގެ އެހެން ހިސާބުތަކުން ލިބޭ އެތައް ޚިދުމަތެއް ހޯދުމަށް އެތައް އުނދަނގުލަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އެގޮތުން ބަލާ ނަމަ ވިލިގިލީގެ އާއްމުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަކީ އެކަށީގެންވާ ޓެކްސީގެ ނިޒާމެއް ނެތުމުގެ ޝަކުވާއެވެ.
ވިލިގިލީގެ ރައްޔިތުން، ޓެކްސީގެ ޚިދުމަތް ނެތި 30 އަހަރު ވޭނާއި ތަކުލީފުގައި!
ވިލިމާލެ އަށް ޓެކްސީ ނިޒާމެއްގެ ބޭނުން ޖެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިއީ ވިލިގިލީގައި މީހުން ދިރިއުޅެން ފެށީއްސުރެ އާއްމުން ކެނޑިނޭޅި ކުރަމުން އައި ޝަކުވާއެކެވެ. އެހެންނަމަވެސް ތިރީ ހަކަށް އަހަރުވީ އިރުވެސް މި މައްސަަލަ އަށް މާބޮޑު ހައްލެއް ނުލިބެއެވެ. ވިލިގިލީގައި ދިރިއުޅޭ އާއްމުންނަށް ޒަރޫރީ ބޭނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުންވެސް ވެފައި އޮންނަނީ ބޮޑު ތަކުލީފަކަށެވެ.
30 އަހަރުވީ މި ރަށުގައި ދިރިއުޅޭތާ. ކުރިން ހުންނާނެ ފަތްޖެހި އެނދުގައި މީހުން ބަލިވީމަ އުފުލާފައި. މިހާރުވެސް ހަމަ އެހެން. މި އިހަކަށް ދުވަހު ވެސް ބަލިވި މީހަކު ނުހިނގިގެން މި އުފުލީ ހަމަ ފަތްޖެހި އެނދުގައި.އާއްމު މީހެއް
ވިލިމާލޭގައި އާއްމު ދަތުރުފަތުރުތައް ކުރުމަށް، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަގީގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސެއިން މަނިކްގެ ވެރިކަމުގައި ބަޔަކާއި ހަވާލުކޮށްގެން އެ މަސައްކަތް ފެށި ނަމަވެސް އާއްމުން އެދޭ ފަދަ ޚިދުމަތެއް ލިބުނީ މަދު ދުވަސްކޮޅަކަށެވެ. ކުޑަ ދުވަސްކޮޅެއްގައި އެ ޚިދުމަތް ދޯދިޔާވެ، ޓެކްސީގެ ޚިދުމަތާއި މެދު އާއްމުން ކުރަމުން އައި އުންމީދުތައް ބިލާހަކަށްވިއެވެ.
އެ ޚިދުމަތް ރަނގަޅަށް ދިނީ 4 ވަރަކަށް މަސް ދުވަހު. އެއަށް ފަހު ދެން އެ ޚިދުމަތް ނުލިބޭ ރަނގަޅަކަށް. ގުޅައިގެން ދުވަހަކު ބަގީ އެއް ލިބޭ ކަމަކަށް ނުވޭ.އާއްމު މީހެއް
ބަގީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ބަޔަކާއި ހަވާލުކުރި ފަހުން އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް މި ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދެވިފައެއް ނުވެއެވެ. ބަގީގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ސިއްޙީ އަދި އެހެން ބޭނުންތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައްކުރުމުގައި ވެސް އާއްމުންނަށް އެތައް ތަކުލީފަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ކޮވިޑް-19އިގެ ބަލިމަޑުކަމުގެ ތެރޭގައި ބަގީގެ ޚިދުމަތް މެދުކެނޑުނު ފަހުން އެ ޚިދުމަތް އެއްގޮތަކަށް ވެސް ދެމުން ނުދާކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ގިނަ އަދަދެއްގެ އާއްމުން ވަނީ ބުނެފައެވެ.
ދުއްވައޭ ބުނަނީ. ދުއްވާ ނަމަ ފެންނާނެތާ. އެމްބިއުލާންސް އެއް ލިބެނީކީ ނޫން. މިއީ ވަރަށް ކަންބޮޑުވާ މައްސަލަ އެއް އަސްލުއާއްމު މީހެއް
ރާއްޖެއެމްވީ އާއި ވާހަކަދެއްކި އާއްމުން ވަނީ ފާއިތުވި ހުރިހާ ސަރުކާރަކާއި، ކައުންސިލްތައް އަދި ދާއިރާގެ މެމްބަރުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި، ތަކުރާރުކޮށް ރަސްމީ ސިފައިގައި އާއި ނުރަސްމީ ސިފައިގައި އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަަކަށް މި މައްސަލައިގައި އާއްމުން ބޭނުންވާ ހައްލު ހޯދާދެވިފައެއް ނުވެއެވެ.
ބަގީގެ ޚިދުމަތްދޭ ފަރާތުގެ ތުހުމަތުގެ އިނގިލި ސަރުކާރާއި އިދާރާތަކަށް!
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދެމުންދަނީ 99 ހޯލްޑިންސް ކުންފުނިންވެ. އެ ޚިދުމަތް ދިނުމަށް ޝަރުތުކޮށް އޭރުގެ ސަރުކާރުން ވަނީ 99 ހޯލްޑިންސް އަށް ވިލިގިލިން ބިމެއް ވެސް ދީފައެވެ. އެ ބިން ދިންތަނުގައި ހުރީ ގެސްޓް ހައުސްއެކެވެ. މިއީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމެކެވެ. ޚާއްސަކޮށް ބަގީގެ ޚިދުމަތް ނުލިބި، އެ ޚިދުމަތް ދިނުމުގެ ބަދަލުގައި ލިބުނު ބިމެއްގައި ތަނަވަސް ވިޔަފާރި އެއް ކުރަމުން ދިއުމަކީ ގިނަ އާއްމުން އެކަމާއި މެދުގައި ކަންބޮޑުވާ މައްސަލައެކެވެ.
ކަންމިހެން އޮތް އިރު ބަގީގެ ޚިދުމަތް ނުދެވި އޮތް ސަބަބު އޮޅުން ފިލުވުމަށް ރާއްޖެ އެމްވީ އިން ގުޅާލުމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް ވިދާޅުވީ ބަގީގެ ޚިދުމަތް މެދުކެނޑިފައި އޮތީ ކޮވިޑް-19އިގެ ދުވަސްވަރު އެކަނި ކަމަށެވެ. އޭރު އެ ޚިދުމަތް ހުއްޓުނީ ސަރުކާރުން ބަގީ ބޭނުން ކުރަން ނުލިބިގެން ދަތުރުތައް ހުއްޓާލަން ޖެހި، ބަގީގެ ބެޓްރިތައް ހަލާކުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްވެސް އިރެއްގައި ހުއްޓިފައެއް ނުހުންނާނެ. އޭރު ކޮވިޑް ތެރޭގައި ވެސް ހުއްޓުނީ ތަކުރާރުކޮށް ބުނެގެން ވެސް ހުއްދަ ނުދިނީމަ. އޭރު ވެސް އެދުނިން އެތައް ފަހަރަކު ހުުއްދަދޭން. ދޭން އަޅުގަނޑަށް އިންޓެންސިވް އެއް ދަށުން ދީފައި އޮތް ބިމެއްގައި ވިޔަފާރި ކުރަނީ. ޓްރާންސްޕޯޓުން ރޫޓެއް ކަނޑައަޅަން ޖެހޭކަން ވެސް ބައްދަލުކުރި އިރު ކައުންސިލަށް ނޭނގޭ. އަޅުގަނޑު އެ ލިޔުންތައް އެ ބޭފުޅުންނަށް ވެސް ދިނީ.99 ހޯލްޑިންގްސްގެ އެމްޑީ
މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީން ހަދާފައި އޮތް ބަގީ ދުއްވުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް މަތިކޮށްފައިހުރި ބައެއް ކަންކަން މިހާތަނަށް އައިއިރު ވެސް ނުކުރެވި ހުރުމުން ބަގީގެ ޚިދުމަތް ދިނުމަށް ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބަގީ ދަތުރުތައް ކުރަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެންމެ ފުރަތަމަ ރޫޓް ނުހެދެނީސް ބަގީ ހިދުމަތް ދޭން ފެށީ ރޫޓް ކުރަހަދޭނެ ކަމުގެ ޔަގީންކަން އޭރު އޮތް ސިޓީ ކައުންސިލުން ދިނުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ބަގީ ހުއްޓި ތަކާއި ރޫޓްތައް ހަދައިގެން ހިދުމަތް ދެވޭނެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ކުރީގެ ކައުންސިލް ތަކަށްވެސް ސިޓީ ލާފައިވާނެ ކަމަށް ވިޝާމް ވިދާޅުވިއެވެ. އަދި މިހާރުގެ ކައުންސިލަށް ވެސް އެކަން ހިއްސާކޮށްފައިވާނެ ކަމަށް ވިޝާމް ފާހަގަކުރެއްވިއެވެ.
އެގްރީމެންޓް ބާތިލް؟: "ބަގީ ބަހައްޓަން ދިން ބިމުގައި ކަރޯކޭ ޖައްސަނީ!"
މި މައްސަލަ އާއި ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ އަލީ ވަނީ 99ހޯލްޑިންގްސްގެ ގިނަ ވާހަކަތައް ދޮގުކުރައްވާފައެވެ. އެގޮތުން ޚިދުމަތް ނުދެވި ވަނީ ރޫޓެއް ނުހެދިގެން ކަމަށް ބުނި ނަމަވެސް ރޫޓަކާއި ނުލާ ޚިދުމަތް ދެވޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީ އިން ލިޔުމުން އަންގަވާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި މިހާރުވެސް ބަގީގެ ޚިދުމަތް ދެމުން ނުދާ ކަމަށާއި، ބެޓްރި ހަލާކުވެގެން ޚިދުމަތް ނުދެވިވާކަމަށް ބުނުމަކީ ބަލައިގަނެވޭ އުޒުރެއް ނޫން ކަަމަށް ނަހުލާ ފާހަގަކުރެއްވިއެވެ.
އުޒުރެއް ނޫނޭ މި ދަންނަވާ ސަބަބަކީ ބަގީގެ ޖުމުލަ އަދަދުގެ ވަހި އިންސައްތައެއް ހުންނަންޖެހޭ އެގްރީމެންޓް ބުނާގޮތުން ރިޒަރވްގައި. އެކަމެއް ކޮށްފަ އެއް ނެތް. އެ އަދަދަށް ބަގީ އެއް ނެތް. އެއްގޮތަކަށް ވެސް ޚިދުމަތެއް ނުދޭ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް ޚިދުމަތް ދޭ ނަމަ ފެންނާނެ ނޫންތޯ؟ ދެން ރޫޓު ވެސް އެއީ އުޒުރެއް. އާއްމުން ބޭނުމެއް ނޫން އެހެން ތަންތަނުގައި ކުދި ކުދި ސްޓޮޕް ހަދާކަށް ވެސް.ަކައުންސިލް މެމްބަރު ނަހުލާ
31 އޮގަސްޓް 2016އިގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވަހީދު ސޮއިކުރައްވާ ފޮނުއްވި ސިޓީއެއްގައި ބަގީގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެކުލަވާލި އެއްބަސްވުން އުވާލާ 99 ހޯލްޑިންސް އަށް ސިޓީ އެއް ފޮނުވާފައިވާކަން ނަހުލާ ފާހަގަކުރެއްވިއެވެ. މިއަދާއި ހަމައަށް އައި އިރު އެ އެއްބަސްވުން އިއާދަކުރި ކަމުގެ ލިޔެކިޔުމެއް ފެންނަން ނެތް ކަމަށާއި އޭރު އެއްބަސްވުން ބާތިލް ކުރީ 99ހޯލްޑިންސް އިން ދައްކަން ޖެހޭ ކުލި ނުދައްކައިގެން ކަަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. މީގެ އިތުރުން އެގްރީމެންޓާއި ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ދެ ބިމެއް އެ ބޭފުޅުންނަށް ދީފައި އެބަ އޮތް. އެއް ތަން ދިނީ ޓިކެޓް ކައުންޓަރ އެއް އަޅަން އަދި އަދަށް ދާން ދެން އެތަނަކުން ޓިކެޓެއް ނުވިއްކާ. އެތަނުގައި އެ ހުރީ ގެސްޓް ހައުސް އެއް ދެން ބަގީގައި ޓިކެޓް ލިބެންވާނެ ކަމަށާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވަކި އުމުރަކަށް ހިލޭ ދަތުރުކުރެވެންވާނެ ކަމަށް ބުނޭ. ޓިކެޓެއް އެއް އިރަކުވެސް ބަގީއަކުން ނުލިބޭ. ދެން ވެހިކަލް ޕާކުކުރަން ދިން ބިމުގައި ކަރޯކޭ ޖައްސަނީ. ލަވަ ކިޔަނީ އެތަނުގައި. ބަގީ ހުންނަނީ މަގުމަތީގެ އެތަން މިތަނުގައި. އަޅުގަނޑު ފުލުހުންނަށް ދެންނެވިން އެހެން ހުންނަ ވެހިކަލް ނަގާދޭން. މި ހުންނަނީކީ އޮޅުވާލެވޭނެ ކަންކަމެއް ނޫން.ކައުންސިލް މެމްބަރު ނަހުލާ
ވިލިމާލޭގެ ބަގީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެމުން ނުދާތީ އެ މައްސަލަ ނަހުލާ ވަނީ މާލެސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅުއްވާފައެވެ. އަދި ދެ ފަރާތުގެ ލޯޔަރުންގެ ހާޒިރުގައި ބޭއްވި ބައްދަލުވުންތަކާއި އެކު އަލިމަގެއް ނުފެނުމުން ކައުންސިލުން ވަނީ ބަގީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލަން ފާސްކޮށްފައެވެ. އަދި ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށްނުދާތީ އެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ހުއްޓާލައި، ދީފައިވާ ބިންތައް ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން 99 ހޯލްޑިންސް އަށް ސިޓީ އެއް ވެސް ވަނީ ފޮނުވާފައެވެ.
ބަގީގެ ހިދުމަތް ނުދޭތީ ބިންތައް ހުސްކުރުމަށް އެންގި ސިޓީއަށް އަމަލު ނުކުރަން ވަގުތީ އަމުރެއް
ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށްނުދާތީ ކަމަށް ބުނެ، އެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ހުއްޓާލައި، ދީފައިވާ ބިންތައް ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެދީފައެވެ. މި މައްސަލައިގައި 99 ހޯލްޑިންސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުނިން ގެސްޓު ހައުސް ހިންގަމުން އަންނަ ބިމަކީ ޖޫން 5، 2018 ގައި ޓުރިޒަމް މިނިސްޓްރީއާ އެކު ވަކިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ބިމެއް ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން، "އެއްވެސް އަސާސެއް ނެތި" އެ ބިންތަކުގައިވާ ތަކެއްޗަކީ ސިޓީ ކައުންސިލްގެ ތަކެތި ކަމަށް ކަނޑައަޅައިފިނަމަ ކުންފުންޏާއި މުވައްޒަފުންގެ ވަޒީފާ ގެއްލި ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ހަމައެހެންމެ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާ ކަމަށް ނުބެލެވޭ ކަމަށް ވީނަމަވެސް އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ކަމަށް ނިންމައިދިނުމަށް ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް އަންގަން ދެން ކައުންސިލުން ފޮނުވާފައިވާ ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. ސިވިލް ކޯޓުން ވަނީ އެ ސިޓީއަށް އަމަލުކޮށްފިނަމަ ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ، ކުންފުންޏަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބުނެފައެވެ.
ދައިރާގެ މެމްބަރު އުޝާމް އެދެނީ އާއްމުންނަށް ޚިދުމަތް ލިބޭނެ ގޮތަކަށް ކަންކަން ކުރިއަށް ދިއުން
މިކަމާއި ގުޅިގެން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލަ އަކީ އޭނާގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަ އެއް ކަމަށެވެ. އަދި އެ ޚިދުމަތް ކައުންސިލްގެ ބެލުމުގެ ދަށުން ދިނުމަށް ވާހަކަދެކެވެމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އޭނާ އެދެނީ އާއްމުންނަށް ޚިދުމަތް ލިބޭނެ ގޮތަކަށް ކަންކަން ވެގެން ދިއުން ކަމަށެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށުން އެ ޚިދުމަތް ދިނުމަކީ ރަނގަޅު ގޮތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޚިދުމަތް ދެމުން ދަނީ އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް 99 ހޯލްޑިންސްގައި ނޮއޮންނާނެ ކަމަށެވެ.
އަޅުގަނޑުގެ އެއްވެސް ހިއްސާ އެއް ވެސް ބައިވެރިވުމެއް ވެސް ނޮއޮންނާނެ އެކަމަކު. ދެން މި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށްފައި ވާނެ. އަދި ކައުންސިލުން އެ ޚިދުމަތްދޭ ގޮތަށް ވާހަކަދެކެވޭ އެބަމެމްބަރު އުޝާމް
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެންނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފައެވެ. އެ އެގްރީމެންޓުގައި ބުނާގޮތުން އެގްރީމެންޓާއި ޚިލާފު ވެއްޖެ ނަމަ ބަދަލު ދިނުމަކާއި ނުލާ އަދި ކުންފުނިން ކުރި ޚަރަދަކަށް ބެލުމެއް ނެތި އެއްބަސްވުން ބާތިލްކުރެވިދާނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށް ނުދިޔުމުން، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަނީ މިހާރު ފަށާފައެވެ. ކައުންސިލުން ވިދާޅުވީ އެ ޚިދުމަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަަމަށެވެ.