އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އުނދަގޫ ގޮތަކަށް ޗެލްސީ މޮޅުވެއްޖެއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސްޓް ހޭމް އިންނެވެ. ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި މި ލަނޑު ޖެހީ މިކޭލް އެންޓޯނިއޯއެވެ އޭގެ ފަހުން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑު ނަގާފައެވެ.
ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި ތިއާގޯ ސިލްވާގެ އެހީތެރިކަމާއެކު ބެން ޗިލްވެލްއެވެ. އޭގެ ފަހުން 88 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ޗިލްވެލްގެ އެހީތެރިކަމާއެކު ކައި ހަވާޓްޒްއެވެ. ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ވެސްޓް ހޭމްގެ މެކްސްވެލް ކޯނޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ޖަހަން އުޅުމުގެ ތެރޭގައި އޭނާ ޗެލްސީގެ ކީޕަރު މެންޑީއަށް ފައުލް ކުރި ކަމަށް ބުނެ ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 10 ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތީ ތާވަލްގެ ފަސް ވަނަ މަގާމުގައެވެ.