އަންނަ ހޯމަ ދުވަހު މާލޭގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައިވާއިރު މިނީ ބަސް ދުއްވާނެ ރޫޓްތައް އެޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހާމަކޮށްފިއެވެ.
އެމްޓީސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބަސް ދުއްވާނީ ޖުމްލަ 3 ރޫޓަކުންކަމަށެވެ. އެއީ އަމީނީ މަގު ރޫޓާއި އޯކިޑް މަގު ރޫޓްގެ އިތުރުން ސޯސަން މަގު ރޫޓެވެ. އެމްޓީސީސީން ބުނީ މި ރޫޓް ތަކުގައި ޖުމްލަ 42 ސްޓޮޕް އިންނާނެކަމަށެވެ.
މާލެ ތެރޭގައި މިނީ ބަހުގެ ދަތުރުތައް ކުރެވިގެންދާއިރު ދަތުރަކަށް ނަގަން ނިންމާފައިވަނީ 7 ރުފިޔާއެވެ. ކިއުއާރު ޓިކެޓިން މެދުވެރިކޮށް ޓިކެޓު ނަގައި، ކިއުއާރުކޯޑު ދައްކާލުމުން ބަހުގައި ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
ބަސް ދަތުރުތަކާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކޮންމެ 2 ބަސް ސްޓޮޕެއްގެ ދޭތެރޭގައި ނަގާނީ 5 ވަރަކަށް މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބަސް ސްޓޮޕުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމަށް ގިނަވެގެން ނަގާނީ 10 މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ.
މި ޚިދުމަތް ފެށިގެންދާނީ 18 ބަހާއެކު ކަމަށާއި އެއީ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިނީ ބަސްތައް ފެށުމާއެކު މާލޭގެ މަގުތަކުގައި ދުއްވާ ކާރުތަކާއި، ސައިކަލުތައް މަދުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިނީ ބަސް ދުއްވާ މަގުތަކުގައި އާންމުނަށް ޕާކް ކުރުން މަނާކޮށް ދަތުރުތައް ފެށިގެންދިއުމަކީ އެއްވެސް ދައްޗަކާނުލާ ބަސް ދުއްވޭނެ މަގު ފަހިވާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ލ. އަތޮޅުގެ ރަށްތަކެވެ.