ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 05:28
މާފަންނު ޕާކިންގ ޒޯން
މާފަންނު ޕާކިންގ ޒޯން
މުއިއްޒު
އިތުރު ޕާކިންގ ޒޯންތަކެއް ހެދުން
މިނީ ބަހުގެ ޚިދުމަތް ފެށޭތީ 335 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ހަދައިފި
މިޕާކިންގ ޒޯނު ހަދާފައިވަނީ މާފަންނު ދަނޑު ހުންނަ ސަރަހައްދުގައި
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވަނީ ހަމަޖައްސާފައި
އަންނަ ހޯމަ ދުވަހު މާލޭގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފަށަން ވަނީ ނިންމާފައި

މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 335 ސައިކަލު ޕާކުކުރެވޭނެ ޕާކިންގ ޒޯނެއް ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް ހެދުނު ޕާކިން ޒޯނަކީ މިނީ ބަހުގެ އޮޕަރޭޝަން ފެށުމަށްޓަކައި މަގުތަކުގައި ޖާގަ އިތުރު ކުރުމަށް ހަދާފައިވާ ޕާކިން ޒޯނެއް ކަމަށެވެ. މިޕާކިންގ ޒޯނު ހަދާފައިވަނީ މާފަންނު ދަނޑު ހުންނަ ސަރަހައްދުގައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ބައެއް މަގުތަކުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން މިހާރު މަޖީދީ މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އަމީނީ މަގާއި އޯކިޑް މަގާއި ފަރީދީ މަގުގައިވެސް ޕާކުކުރުން މަނާކުރާނެއެވެ.

މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.

އަންނަ ހޯމަ ދުވަހު މާލޭގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ ހޯމަ ދުވަހު މިނީ ބަހުގެ ޚިދުމަތް ފަށައި، ފުރަތަމަ ދެ ހަފްތާ ވަންދެން ކުރިއަށްދާނީ ޓެސްޓު ދަތުރުތައް ކަމަށެވެ. މި ދެ ހަފްތާގައި ކުރާ ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

މާލެ ތެރޭގައި މިނީ ބަހުގެ ދަތުރުތައް ކުރެވިގެންދާއިރު ދަތުރަކަށް ނަގަން ނިންމާފައިވަނީ 7 ރުފިޔާއެވެ. ކިއުއާރު ޓިކެޓިން މެދުވެރިކޮށް ޓިކެޓު ނަގައި، ކިއުއާރުކޯޑު ދައްކާލުމުން ބަހުގައި ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކޮންމެ 2 ބަސް ސްޓޮޕެއްގެ ދޭތެރޭގައި ނަގާނީ 5 ވަރަކަށް މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބަސް ސްޓޮޕުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމަށް ގިނަވެގެން ނަގާނީ 10 މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށް ގާއިމްކުރާ ބަސް ސްޓޮޕްތަކުގެ މަސައްކަތް އަދިވެސް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި، މަސައްކަތް ނިމޭއިރު 42 ތަނެއްގައި ބަސް ސްޓޮޕްތައް ބެހެއްޓިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މި ޚިދުމަތް ފެށިގެންދާނީ 18 ބަހާއެކު ކަމަށާއި އެއީ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

- ކޮމެންޓް