Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 13:07
ހުކުރު ނަމާދަށް ގިނަ ބަޔަކު މިސްކިތުގައި
ހުކުރު ނަމާދަށް ގިނަ ބަޔަކު މިސްކިތުގައި
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ފިތުނަވެރިކަމެއްގެ ތެރޭގައި ދުނިޔެ އޮތް އިރު ރާއްޖެއަށް އޭގެ އަސަރު ފޯރިޔަނުދިނުމަށް މަސައްކަތް ކުރަން ޖެހޭ: ޚުތުބާ
ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގެއްލުންހުރި ފިތުނައިގެ ތެރެއަށް ނުވަދެ އެފަދަ ހުރިހާ ކަމަކުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައި
ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޝަރަފު ނަގާލައި ސިއްރުތައް ހާމަކުުރާނަމަ ބިމުގައި ފަސާދަ އާއްމުވާނެ
މުސްލިމުންގެ މެދުގައި ކަންކަން ކުރަންވާނީ ކަންވޮށިގެންވާ މީހުންގެ މެދުގައި

ފިތުނަވެރިކަމެއްގެ ތެރޭގައި ދުނިޔެ އޮތް އިރު ރާއްޖެއަށް އޭގެ އަސަރު ފޯރިޔަނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ސުލްހަވެރި މުޖުތަމަޢެއް ބިނާކުރުން" މި މައުޟޫގެ މައްޗަށް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި ބުނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި ލޭ އޮހޮރުވުން އާއްމުވަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި އިގްތިސާދީ ހީނަރުކަމާއި މަޤާމާއި ނުފޫޒާއި ޖާހައްޓަކައި އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިފަދަ ފިތުނަވެރިކަމުން ރާއްޖެ ފަދަ ޖަޒީރާ ޤައުމުތައް ސަލާމަތް ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

މި ފިތުނަތަކުން ރާއްޖެ ފަދަ ޖަޒީރާ ޤައުމުތައް ސަލާމަތް ނުކުރެވިއްޖަނަމަ މި މުޖުތަމައުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ ނޭނގިތިއްބައި ޤައުމުގެ އެއްބައިވަންތަކަމާއި ކުރިއެރުމާއި އިޤްތިސާދު ހަލާކުވެދާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން މާތްﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެފަދަ ގެއްލުންހުރި ފިތުނައިގެ ތެރެއަށް ނުވަދެ އެހުރިހާ ކަމަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ޚުތުބާއި ބުނީ މުސްލިމުން ވާން ޖެހޭނީ ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށެވެ. ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޝަރަފު ނަގާލައި ސިއްރުތައް ހާމަކުުރާނަމަ ބިމުގައި ފަސާދަ އާއްމުވާނެ ކަމަށާއި މުޖުތަމައެއް ފަސާދަވެއްޖެނަމަ މާތްﷲ އެބަޔަކަށް އޭގެ ޢުޤޫބާތް ދެއްވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާގައި އިތުރަށް ބުނެފައިވަނީ ޤައުމެއްގައި އޮންނަ އެކުވެރިކަމާއި އުޚުވަތްތެރިކަމުގެ ފޭރާން ވީދި ޤައުމު ބައިބައިވެއްޖެނަމަ އެނބުރި ކުރީގެ ހާލަތަށް ސިއުމކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި އެބައެއްގެ އަމިއްލަ މައްސަލަތައް ހައްލު ނުކުރާނަމަ އަޅުވެތިކަމުގެ ނިމުމެއްނެތް ވޭނާއި ކެކުޅުން ތަހައްމަލު ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ޤައުމެއްގައ އޮންނަ އެކުވެރިކަމާއި، އުޚުވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައިވެއްނަމަ، ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމީ އުނދަގޫ ކަމަކަށް ނޫނީ ނުވާނެ. އެފަދަ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމެއް ނޯންނާނެ. ތިމާމެންގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށް ވާނީ އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަހައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުން ވުމާއި ދެކޮޅުވެރިކަމާއި ދެބަސްވުމާއި ޤައުމީ ސަލާމަތާއި އާއްމު މަސަލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިއުމާއި އަނިޔާވެރިވުމާއި ނުކިޔަމަންތެރިވުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާ
ޚުތުބާ

މުސްލިމުންގެ މެދުގައި ކަންކަން ކުރަންވާނީ ކަންވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނެފައިވަނީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރާނީ އެކަންކަމާ ހަވާލުވެގެން ތިބޭ މުއައްސަސާތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ. ހައްލެއްގެ ގޮތުގައި އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކޮށް، ހުތުރު ބަހުން މުޚާތަބުކޮށް ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާނަމަ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދެއްކެވެނީ ހުތުރު ނަމުނާއެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ބައެއް ފަރާތްތަކުން އެކިއެކި ކުށްކުރާ މީހުންނަށް އަނިޔާ ކުރާ މަންޒަރު މަދުން ނަމަވެސް މުޖުތަމަޢުން ފެންނަކަމީ، ހިތާމަހުރި ކަމެއް. ކުށްކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާއި އަދަބުދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް. އެކަން ތަންފީޒު ކުރާނީ އެކަންކަމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުން
ޚުތުބާ

ޚުތުބާގައި ބުނެފައިވާ ގޮތުގައި މުސްލިމުން ދިރިއުޅޭ މުޖުތަމަޢެއް ވާން ޖެހޭނީ ތެދުވެރި، އެކަކު އަނެކަކަށް ރަހުމުކުރާ އޯގާތެރި މުޖުތަމަޢަކަށެވެ. އެހެންކަމުން އަމިއްލަ މަސްލަހަތު އިސްކޮށް، ރުޅިވެރިކަމާއި ހަސަދަވެރިކަމާއި ފިތުނަވެރިކަމަށް ޖާގަ ދީގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް