އެމްޓީސީސީން މާލޭގައި ދިނުމަށް ހަމަޖެހިފައިވާ އާރްޓީއެލް މިނީ ބަހުގެ ޓިކެޓަކަށް ހަތް ރުފިޔާ ނަގަން ސަރުކާރުން ހަމަޖައްސައިފިއެވެ.
މި އަގު ރަސްމީކޮށް ހާމަކޮށްފައިވަނީ ސަރުކާރުން ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯއެއްގައެެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ ދެ ހަފުތާވަންދެން ޓެސްޓް ބުރުތަކެއް ބާއްވާފައެވެ. ޓެސްޓް ދަތުރުތަކުގައި އެކުންފުނީގެ މުވައްޒަފުންނާއި މާލެ ސިޓީ ކަައުންސިލާއި ފުލުހުން ބައިވެރިވިއެވެ. އެމްޓީސީސީން ބުނީ މި ދަތުރުތަކުގެ ބޭނުމަކީ މިނީ ބަހުގެ ޚިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޓެސްޓް ދަތުރުތައް ރަނގަޅު ކަމަށެވެ. އަދިވެސް ޚިދުމަތް ފުރިހަމަކުރަންޖެހޭ ކުދިކުދި ކަންތައްތައް އެބަހުރި ކަމަށެވެ. ގަޑިތަކަށް ބަސްތަކަށް އާދެވޭނަމަ ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށާއި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މުވައްޒަފުން ނަގާ ތަމްރީނުކޮށްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
މިނީ ބަހުގައި އުމުރުން ތިން އަހަރުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި އުމުރުން ދޮށީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ކޮންމެ ބަހެއްގައިވެސް ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް އެއް ސީޓު ހާއްސަކޮށްފައިވެއެވެ.
މިނީ ބަހުގެ ހިދުމަތް ފަށާއިރު ބަސް ދަތުރުކުރާނީ މައިގަނޑު ދެ މަގަކުންނެވެ. އެއީ މަޖީދީ މަގާއި އަމީނީ މަގެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރާނެއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހާފައެވެ.
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.
މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދެއް ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ރަށްތަކެވެ.