މަސްވެރިކަން ކުރުމުގައި ޤާނޫނާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީޒް މިނިސްޓްރީގެ ސީނިއަރ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް އާއްމުން އަހުލުވެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި، ޤާނޫނަށް އާއްމުން އަހުލުވެރިކުރުމުގެ މަސައްކަތް ނިމުމުން ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ ވަރަށް ޤަވާއިދަށް ފަރުވާތެރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ގަވާއިދާއި ޚިލާފަށް އަމަލުކުރާ މީހުންނާއި މެދު ފިޔަވަޅު ނޭޅުމަކީ ގަވާއިދަށް އުޅޭ ފަރާތްތަކާއި މެދު ވެވޭ ބޭއިންސާފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި އެގޮތަށް ބިދޭސީން ހަރަކާތްތެރިވުމަކީ ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް ކުރިއެރުވުމަށް ދިމާވާ ގޮންޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރައްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމުގެ އުސޫލާ އެއްގޮތަށް ލައިސަންސް ދޫކުރާ އުޅަނދުފަހަރުގައި އެއްފަހަރާ މަސައްކަތްކުރެވޭނީ ގިނަ ވެގެން ދެ ބިދޭސީންނަށް ކަމަށް ވާއިިރު އެ ބިދޭސީންނަށް ސީދާ މަސްވެރިކަމުގައި ހަރަކާތްތެރިނުވެވޭނެއެވެ. މަސްވެރިކަމުގެ އާއްމު ގަވާއިދެއް އެންމެ ފުރަތަމަ އެކުލަވާލީ 2020 ވަނަ އަހަރެވެ. މި ގަވާއިދުގައި، މަސްވެރިކަމުގައި ބިދޭސީން ހަރަކާތެރިވާނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.