ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 18:48
މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް
މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް
މަޖިލިސް
ދީނަށް ފުރައްސާރަކުރުން
އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅަން ހުށަހަޅައިފި
2021 ވަނަ އަހަރު ގާނޫނުލްއުގޫބާތުގައި އެ ކުށް ބަޔާންކޮށްފައިވީނަމަވެސް ކުށުގެ އަދަބުގެ މިންވަރަށް ބަދަލެއްނާދޭ
ދީނަށް ފުރައްސާރަކުރުން އާއްމުވުމުން ޤާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅަން ހުށަހަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ހުށަހެޅުއްވި މައްސަލައިގައި، އިސްލާމް ދީނަށް ތައުހީނުކުރުމާއި، މާތްﷲއާއި ކީރި ޤުރުއާން އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އާއްމުވެ އިތުރުވަމުންދާކަން ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މުވާސަލާތީ ޕްލެޓްފޯމްތަކުގައި އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި، ގާނޫނުލްއުގޫބާތުގެ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ބަޔާންކޮށްފައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ. 2021 ވަނަ އަހަރު ގާނޫނުލްއުގޫބާތުގައި އެކުށް ބަޔާންކޮށްފައިވީ ނަމަވެސް ކުށުގެ އަދަބުގެ މިންވަރަށް ބަދަލެއްނާދެއެވެ. ޤާސިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ، އެ މާއްދާ އެގޮތަށް އޮތުމުން އިސްލާމް ދީނާއި، ކީރިތި ޤުރުއާން އަދި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދެވޭކަމަށާއި، އެކަން އެގޮތަށް ދިމާވާ އެއް ސަބަބަކީ މިހާރު އެފަދަ އަމަލަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބު ކުޑަވުމުންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ ކަންކަން ހައްލުކުރަން ގާނޫނުލްއުގޫބާތުގައި "އިސްލާމް ދީނާ އިދިކޮޅު އަމަލު" ކަމުގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަ ކަނޑައަޅައި، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ޤާސިމް ވަނީ ހުށަހަޅުއްވާފައެވެ. އެ ބިލް ފާސްވެއްޖެނަމަ، ބިލް ތަސްދީގުކޮށް ގެޒެޓުގައި ސޮއިކުރާ ހިސާބުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

- ކޮމެންޓް