ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުވާ ގޮތް ހެދުމަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަކިޔުން އިއްވައިފިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ޤާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 ކަމަށެވެ. އަދި އިންތިޚާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނާފައެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެއް ވަނީ ބާއްވާފައެވެ. އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލީހުގައި ތިބީ 77 މެމްބަރުންނެވެ. އަދި 2014 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން އެބަ ތިއްބެވެ.
އެހެންކަމުން މުސްތަގްބަލުގައި މެމްބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލިހަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ މެމްބަރުން ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެކަން ފާހަގަކޮށް ގާސިމް ވަނީ މެމްބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.
ގާނޫނުއަސާސީގައި ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް އެއް މެމްބަރަކު ހުންނަން ޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.