ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް ހުށަހަޅަންޖެހޭ ނިމިގެންދިޔަ އަހަރުގެ އަހަރީ ރިޕޯޓްތައް ހުށަހެޅުމުގެ ސުންގަޑި އިތުރު ކޮށްފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ނިމިގެންދިޔަ 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި ހަމަވަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާގައި ކަމަށްވެފައި، އެ ހަފްތާއަކީ ފިތުރު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކެއް އަންނަ ހަފްތާއެއްކަމަށްވާތީ، ކުންފުނިތަކުގެ ނިމިގެންދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުންފުނިތަކުގެ ނިމިގެންދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށައަޅަން ޖެހޭ ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު ވެސް މީރާއިން ވަނީ އިތުރުކޮށްފައެވެ.
މީރާއިން ބުނީ އެ ގޮތަށް ހަމަޖެއްސީ މިއަހަރުގެ ބީޕީޓީ ބަޔާން ހުށައަޅާ ސުންގަޑި ހަމަވަނީ ފިތުރު އީދު ބަންދާ ގުޅިގެން އަންނަ ޗުއްޓިގައި ކަމަށް ވާތީ, ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
މީރާއިން ވަނީ ބީޕީޓީ ބަޔާން ހުށައަޅަން ޖެހޭ ހުރިހާ ފަރާތްތަކުން އެ ފުރުސަތުގެ ބޭނުންކޮށްގެން ޖުލައި 16ގެ ކުރިން ބީޕީޓީ ބަޔާން ހުށައަޅައި ނިންމުމަށް އިލްތިމާސް ކޮށްފައެވެ.
މިރާއިން ބުނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ އިތުރުން ޖުލައި މަހުގެ ތެރޭގައި މި އަހަރުގެ ބީޕީޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ވެސް އަންނަ ކަމަށާއި އެއީ 31 ޖުލައި 2017 ކަމަށެވެ.
މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމުގެ ސުންގަޑި 16 ޖުލައިއަށް ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީއެސްޓީ ބަޔާން ހުށައެޅުމުގެ ސުންގަޑިއަކީ ޖުލައި 2 ކަމަށް މީރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށައަޅަން ޖެހޭ ސުންގަޑި ވެސް އަންނަ މަހުގެ 16 އަށް އިތުރުކޮށްފައިވާ ކަމަށް މީރާ އިން ބުނެއެވެ.