ދިގުލައިގެންދާ މޫސުމީ ވިއްސާރައަކާ ކުރިމަތިވެ ގައުމުގެ ބޮޑުބައެއް ފެނުއަޑީގައިވާ ޕާކިސްތާނަށް އެހީވުމަށް އދ.ން 160 މިލިއަން ޑޮލަރުގެ އެހީގެ އެޕީލްއެއް ލޯންޗްކޮށްފިއެވެ. ގައުމުތަކުން މި ޚާއްސަ އެހީގެ އެޕީލްއަށް އިޖާބަ ދީ ޕާކިސްތާނަށް އެހީވުމަށް ގޮވާލައްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތަރެސް ވަނީ، ޕާކިސްތާނަށް ކުރިމަތިވެފައިވަނީ އިންސާނަކު ސްޓެރޮއިޑްސް ނެގުމުން ބާރުގަދަވާފަދަ ގޮތަކަށް ބާރުގަދަވެފައިވާ މޫސުމީ ވިއްސާރައެއްކަމަށް ސިފަ ކުރައްވާފައެވެ.
ޖޫން މަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން، މަގުތަކާއި ބްރިޖްތަކުގެ އިތުރުން އެތައް ހާސް ގެއާއި އިމާރާތްވަނީ ވެއްޓި ހަލާކުވެގެންގޮސްފައެވެ. މީގެ އިތުރުން ބޮޑެތި ދަނޑުބިންތައްވެސް ހަލާކުވެ، ގިނަ އަދަދެއްގެ ގެރި ބަކަރިވެސް ވަނީ މަރުވެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ބައެއް ރިޕޯޓްތަކުން 1500 ކަމަށް ބުރާއިރު، ގިނަ ރިޕޯޓްތައް ބުނަނީ މަދުވެގެން 1300 މީހުން މަރުވެފައިވާކަމަށެވެ. އަދި މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ގަބޫލުކުރެވޭކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އަންގާރަ ދުވަހުގެ ރޭ "ޕާކިސްތާން އެއިޑް އެޕީލް" ލޯންޗްކުރައްވަމުން ނެރުއްވި ވީޑިއޯ މެސެޖެއްގައި ގުތަރެސް ވިދާޅުވީ، ދެކުނު އޭޝިއާއަކީ މޫސުމާބެހޭ ކާރިސާތަކުގެ "ހޮޓް ސްޕޮޓް"އެއް ކަމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި މަރަށް ހުށަހެޅޭ މިންވަރު އެސަރަހައްދުގެ މީހުންނަށް 15 ގުނަ އިތުރުކަމަށެވެ. މޫސުމަށް ބަދަލު އަންނަނީ އަހަރެމެންގެ އަމިއްލަ އަތްތަކުން ކުރާ ކަންތައް ތަކެއްގެ ސަބަބުން ކަމަށާއި، އަދި މިކަން މިހެން ނުކުރުމަށް އޭނާގޮވާލެއްވިއެވެ. އަދި މިއަދު މި ކާރިސާ ކުރިމަތިވީ ޕާކިސްތާނަށްނަމަވެސް މާދަމާ ކޮންމެ ގައުމަކަށްވެސް މިކަން ކުރިމަތިވެދާނެކަމާމެދު ވިސްނުމަށްވެސް ގުތަރެސް ވިދާޅުވެފައިވެއެވެ.
ގުތަރެސް ވިދާޅުވީ، އދ.ގެ އެހީގެ ޕްރޮގްރާމަކީ 5.2 މިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން ފާޚާނާ ނިޒާމް ގާއިމްކުރުމާއި އަދި އިމަރޖެންސީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެއްކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ 33 މިލިއަން މީހުންގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ. ފެނުގެ އަސަރު ކުރި ގިނަ ހިސާބުތަކުގައި އެތައްބަޔަކު ވަންނާނެ ތަނެއްނެތި ހާމަ އުޑުދަށުގައި އުޅެމުންދާކަމަށް ޚަބަރުތައް ބުނެއެވެ.