ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ރައްދުދެއްވައިފިއެވެ.
އޮންލައިން ނޫހެއްކަމަށްވާ ދިޔަރެސްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަަށުގައިވާ ތަންތަން ކުއްޔަށް ދޭން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އެ މިނިސްޓްރީއަށް މިއަހަރު ކަނޑައެޅި ފައިސާ ހުސްވުމުން ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު މަޚްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޔޫތު މިނިސްޓްރީއަށް ކަނޑައެޅި ބަޖެޓުން އަހަރު ނިމުނުއިރު 200 މިލިއަން ރުފިޔާ ބާކީވުމުން، އޭގެފަހުން ބަޖެޓު ކުޑަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަޚްލޫފް ވިދާޅުވީ މިހާރު ޔޫތް މިނިސްޓްރީން އޮތީ ފަތު އަޑުކިޔާފަައި މަސައްކަތުގައިކަމަށެވެ. ހަމައެހެންމެ އެކަމަށް ބޭނުންވާ ބަޖެޓު ހުސްވުމުން، އިތުރަށް ބޭނުންވާ ފައިސާ ވެސް ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ކުއްޔަށް ދިނުމުން ކުލީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށެވެ. އެއީ ގޯހެއްތޯ މިނިސްޓަރު ވަނީ އައްސަވާފައެވެ.
މި ސަރުކާރުން އަންނަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި، ކުޅިވަރު ކުޅޭ ތަންތަން ތަރައްގީކުރަމުންނެވެ. އަދި އެ ތަންތަން ބަލަހައްޓައި މަރާމާތުކުރެވޭނެ ގޮތަށް އާމްދަނީ ހޯދުމަށް މަސައްކަތް ވެސް ކުރަމުންނެވެ.